ދިވެހިރާއްޖެއަކީ ކުޑަ ނަމަވެސް ބައިނަލްއަޤުވާމީ މަސްރަޙުގައި ހަމައިސްކޮޅަށް ދެމިލައި، ޙައްޤު ބަސްބުނެ ރާއްޖޭގެ އުންމީދުތަކާއި ހުވަފެންތައް އެހެނިހެން ދައުލަތްތަކުގެ ކުރިމަތީ ހާމަކުރަން ކެރޭ، އެކަންކަމަށް ގަދައަޅައި މަސައްކަތްކުރާ ދައުލަތެއްކަން ރައީސް އދ ގައި ދެއްވި ތަގްރީރުގައި ސާބިތުކޮށްދއްވާފައިވާކަމަށް، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ބުނެ ފިއެވެ.
ޕީއެންސީން މިހެން ބުނެފައިވަނީ، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ތަޤުރީރާއި ގުޅިގެން އެ ޕާޓީއިން ނެރުނު ނޫސް ބަޔާނުގައެވެ.
ޕީއެންސީގެ ބަޔާނުގައި، ރައީސްގެ ތަޤުރީރަކީ ދިވެހިރާއްޖެއާމެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ހުވަފެންފުޅާއި، ގެންގުޅުއްވާ ވަށާޖެހޭ ތަޞައްވުރާއި، ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ބޮޑެތި ކަންކަމާއި، މިހާރުން މިހާރަށް ގެންނަންޖެހިފައި ހުރި ނިޒާމީ ބޮޑެތި އިޞްލާޙުތަކަށް އަލިއަޅުވައިލައްވާފައިވާ ވަރަށް ޝާމިލު ތަޤުރީރެއްކަން ބަޔާންކޮށް، އެ ޕާޓީން އެކަމާ ފަޚްރުވެރިވާކަމަށް ބުނެފައި ވެއެވެ.
”އެމަނިކުފާނުގެ ތަޤުރީރާމެދު ކޮންގްރެސް ޕާޓީގެ ލީޑާޝިޕާއި ޕާޓީގެ ޢާންމު މެންބަރުން ފަޚުވެރިވޭ. އަދި ޕާޓީގެ އެންމެހައި މެންބަރުންގެ ނަމުގައި އެމަނިކުފާނަށް މަރުޙަބާ ދަންނަވައި، އެންމެ ފުރިހަމަ މާނާގައި ދިވެހިންގެ މަޞްލަޙަތުތަކާއި ދިވެހިންގެ އިޙުސާސްތައް ބައިނަލްއަޤުވާމީ މަސްރަޙުގެ އެންމެ އުހުގައި ތަމްސީލުކޮށްދެއްވިކަމަށްޓަކައި ޝުކުރު އަދާކުރަން.“ ޕީއެންސީގެ ބަޔާނުގައި ވެއެވެ.
ޕީއެންސީގެ ބަޔާނުގައި، ދިވެހިރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭ ތާރީޚީ މުނާސަބާ އިހުތިފާލުކުރާ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފުން ޖާގަ ކަށަވަރުވެފައިވާ ޤައުމެއްކަމަށް ހެއްދެވުމަށް ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރައްވައި، ޑިޖިޓަލް ކުރިއެރުން ކަށަވަރުކޮށްދެއްވައި، ޒަމާނީ ޓެކްނޮލޮޖީގެ ފަހިކަން ދިވެހިންނަށް ލިބޭނެ ސިޔާސަތުތަކެއް ބައްޓަންކުރައްވާނެކަން ރައީސް މިރޭ އިއުލާނުކުރެއްވުމަކީ މިއަދުގެ ޒުވާނުންނާއި އަންނާން އޮތް ޖީލުތަކަށް އެމަނިކުފާނު ދެއްވި އުފާވެރި ޚަބަރެއްކަން ފާހަގަކުރައްވާފައި ވެއެވެ.
އަދި، ދިވެހިރާއްޖޭގެ އިޤުތިޞާދަކީ ވިލުންތެރި އިޤުތިޞާދަކަށް ބަދަލުކުރެއްވުމަށް އައު ޞިނާޢަތްތައް ތަޢާރަފުކުރެއްވުމަށް މާލީ ޚިދުމަތްތަކުގެ ދާއިރާ ފުޅާކުރެއްވުމަށް ޑިވެލޮޕްމެންޓު ބޭންކު ޤާއިމުކުރައްވުމާއެކު، އެންމެންނަށް ހަމަހަމަކަމާއެކު ފުރުޞަތު ލިބޭ އިޤުތިޞާދެއް ބިނާކުރައްވަން ގެންގުޅުއްވާ ސިޔާސަތުތަކާއި، ހުރިހާ ދިވެހިންނަށް ގެދޮރުވެރިކަން ފޯރުކޮށްދީ ސިޔާސަތު އެކުލަވައިލުމުގައި ޒުވާނުންގެ ޝާމިލުވުން ކަށަވަރުކޮށްދެއްވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް މުޅި ދުނިޔެއަށް އިޢުލާނުކުރެއްވުމަކީ އެ ސިޔާސަތުތަކަށް ދިވެހި ރައްޔިތުންގެ އިތުބާރު އިތުރުވި ކަމެއް ކަމުގައި ފާހަގަކޮށްފައި ވެއެވެ.
އެމަނިކފާނުގެ ތަގްރީރުގައި، މުޅި އިސްލާމީ އުންމަތް އެކަމެއްގެ ގިލަންވެރިކަން އިހުސާސްކުރަމުންދާ ފަލަސްޠީނު މައްސަލާގައި ސާފު ޞަރީޙަކޮށް އިސްރާއީލުން ހިންގަމުންދަނީ ޓެރަރިޒަމުގެ ޢަމަލުތަކެއްކަން ފާހަގަކުރައްވައި، އެ ޖަރީމާތައް ތަފުސީލުކޮށް ބަޔާންކޮށްދެއްވުމާއެކު، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދގެ މުޢާހަދާތަކާ ޚިލާފު އެ ޢަމަލުތަކާމެދު އިސްރާއީލު ޖަވާބުދާރީ ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ހަރު އަޑުން ގޮވައިލެއްވުމަކީ ކޮންމެ ދިވެހި ދަރިއަކުމެ އެމަނިކުފާނާމެދު ފަޚުރުވެރިވާނެ ފަދަ ހިތްވަރުގަދަ ޢަމަލު ފުޅެއްކަން ބަޔާންކޮށްފައި ވެއެވެ.
”އެމަނިކުފާނު ރޭ އެ ދެއްވި ތަޤުރީރަކީ ދިވެހިރާއްޖެއަކީ ކުޑަ ނަމަވެސް ބައިނަލްއަޤުވާމީ މަސްރަޙުގައި ހަމައިސްކޮޅަށް ދެމިލައި، ޙައްޤު ބަސްބުނެ ރާއްޖޭގެ އުންމީދުތަކާއި ހުވަފެންތައް އެހެނިހެން ދައުލަތްތަކުގެ ކުރިމަތީ ހާމަކުރަން ކެރޭ، އެކަންކަމަށް ގަދައަޅައި މަސައްކަތްކުރާ ދައުލަތެއްކަން ސާބިތުކޮށްދެއްވި ތަޤުރީރެއް.“ ޕީއެންސީގެ ބަޔާނުގައި ވެއެވެ.
ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ޕީއެންސީގެ މެންބަރުން ގެންދަވަނީ ރައީސްގެ ތަގްރީރަށް ތައުރީފްކުރައްވައި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި، އެކަން ހިއްސާކުރައްވަމުންނެވެ.



