މާކަނޑުގެ ދިރުންތަކާއި ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މުޢާހަދާ (ބީބީއެންޖޭ މުޢާހަދާ) ދިވެހި ރާއްޖެއިން ތަސްދީގްކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، މި މުއާހަދާ ތަސްދީޤުކުރުމަށް ބޭނުންވާ ”އިންސްޓްރޫމަންޓް އޮފް ރެޓިފިކޭޝަން“ އާއި ”މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ“ ދިވެހިރާއްޖެއިން ތަސްދީޤުކުރުމަށް ބޭނުންވާ ”އިންސްޓްރޫމަންޓް އޮފް އެކްސެޝަން“ އ.ދ. އަށް އިއްޔެ ހުށަހަޅުއްވާފައިވާކަމަށެވެ. އ.ދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ތަކެތި އދ އާ ހަވާލުކޮށްދެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، މޫސާ ޒަމީރު، އެެވެ. މި ރަސްމިއްޔާތަށް ފަހު، ދިވެހިރާއްޖެ އަކީ ބީބީއެންޖޭ މުޢާހަދާ ތަޞްދީޤުކުރި 9 ވަނަ ޤައުމު އަދި މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ ތަސްދީޤުކުރި 150 ވަނަ ޤައުމުކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
މި ދެ އެއްބަސްވުންތައް ދިވެހިރާއްޖެއިން ތަސްދީޤުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވަނީ 13 މެއި 2024 ގައެވެ.
”ދިވެހިރާއްޖެއަކީ ކަނޑުތައް ރައްކާތެރިކޮށް، އެ ސަރަޙައްދު ޙިމާޔަތްކޮށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ކަށަވަރުކުރުމަށް ބާރުއަޅައި، ދިރޭރަހަ ނުވަތަ މަރކިއުރީ އެކުލެވޭ އުފެއްދުންތަކުން ބޭރުވާ ނުރައްކާތެރި ވިހަ މާއްދާތަކުން ޞިއްޙަތަށާއި ތިމާވެށި ރައްކާތެރިކުރުމަށްވެސް އަހަންމިއްޔަތުކަން ދޭ ޤައުމެއްގެ ގޮތުގައި ސާބިތުކަމާއެކު ދެމިއޮންނާނެކަން ދިވެހި ސަރުކާރުން ޔަޤީންކަން އަރުވަން.“ ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
19 ޖޫން 2023 ގައި އ.ދ. ގެ އާންމު މަޖިލީހުގައި ފާސްކުރެވުނު ބީބީއެންޖޭ މުޢާހަދާގައި ޤައުމުތަކަށް ސޮއިކުރެއްވުމަށް ހުޅުވާލައްވާފައިވަނީ 20 ސެޕްޓެމްބަރ 2025 ގެ ނިޔަލަށެވެ. އަދި މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ އަކީ ޔުނައިޓެޑް ނޭޝަންސް ގެ އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ ފަރާތުން 2013 ވަނަ އަހަރު އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެކެވެ.



