ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ހޯދަމުންދަނީ، ހއ. ހޯރަފުށި / ހީރާ، މުޙައްމަދު ސާއިފް (30އ) އެވެ. އޭނާ މިހާރު ދިރިއުޅެނީ ހުޅުމާލެ ފުލެޓް 205-2-35 ގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އޭނާ ހޯދަން ފެށީ، އޭނާގެ ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ ކަމަށް ފުލުހުން މިއަދު ބުނެފައި ވެއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ފޭސް-3 އިންނެވެ.
”މުޙައްމަދު ސާއިފް އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެންބަރު 24 ވަނަ ދުވަހުގެ ރޭ 21:00 ހާއިރު، ހުޅުމާލެ ފޭސް 3 އިން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވޭ. އޭރު ލައިގެންހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށް މައުލޫމާތު ލިބިފައިވޭ.“ ފުލުހުން ބުނެފައި ވެއެވެ.
މުޙައްމަދު ސާއިފްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައި ވެއެވެ.




