މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ތަޢާރަފްކުރުމަށް ޓްރާންޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.
މިގޮތަށް ނިންމާފައިވަނީ އުޅަނދު ރަޖިސްޓްރޭޝަން ފަދަ ކަންކަމަށް ހޭދަވާ ވަގުތު ކުޑަކުރުމަށާއި، އުޅަނދުތަކަށް ގެއްލުންދީ ވައްކަންކުރުން މަދުކުރުމަށް ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައި ވެއެވެ.
”މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ޚާއްޞަކޮށް މާލެ ސަރަހައްދުގައި، ރަޖިސްޓްރީނުކޮށް ނަންބަރު ޕްލޭޓް އަޅުވައިގެން ގިނަ އަދަދެއްގެ އުޅަނދު ދުއްވަމުންދާކަން ފާހަގަކުރެވިފައިވޭ. މީގެ އިތުރުން، މިހާރު ބޭނުންކުރަމުންދާ ނަންބަރު ޕްލޭޓް ސިސްޓަމްޓަމުގެ ސަބަބުން ތަންފީޒީ އިދާރާތަކަށް ޤާނޫނާއި ގަވާއިދު ތަންފީޒުކުރުމަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭ.“ މިނިސްޓްރީން ބުނެފައި ވެއެވެ.
މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ތަޢާރަފްކުރުމުން، އެހެން ގައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައި ވެސް ޒަމާނީ ފެންވަރުގައި އުޅަނދުތައް މޮނިޓަރކޮށް، ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުން ފަސޭހަވެގެންދާނެކަމަށާއި، މި ނިޒާމުގެ ސަބަބުން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ޓްރެކްކުރެވި، އުޅަނދުގެ ވެރިފަރާތަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވެއެވެ.




