ސަލާމަތީ މަޖިލީހުގެ ދާއީމީ މެމްބަރުންނަށް ލިބިފައިވާ ވީޓޯކުރުމުގެ ބާރު އުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސް ޑރ. މުއިއްޒު މިކަމަށް ގޮވާލެއްވީ އ.ދ. ގެ ސަލާމަތީ މަޖިލީހުގައި އެ މަނިކުފާނު ދެއްވި ބަޔާނުގައެވެ. މިއީ އ.ދ. ގެ މެމްބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ ހޭދަކޮށްފައިވާ 59 އަހަރުގެ ތެރޭގައި، ރާއްޖޭގެ ރައީސަކު ބަޔާނެއް އިއްވެވި ފުރަތަމަ ފަހަރެވެ.
ރައީސް ގެ ބަޔާނުގައި އެ މަނިކުފާނު ވިދާޅުވީ އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށް އ.ދ. އިން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އަޅާ، ސަލާމަތީ މަޖިލީހަށް ލިބިފައިވާ ބާރު ކަނޑުވާލަނީ ވީޓޯ ގެ ބާރުން ކަމަށެވެ.
އ.ދ. ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިގެންވަނީ އެމެރިކާ، އިނގިރޭސިވިލާތް، ޗައިނާ، ފްރާންސް އަދި ރަޝިއާ އަށެވެ. އ.ދ. ގެ ގަވައިދު އޮންނަ ގޮތުން، އެ ޖަމިއްޔާ ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާ އެއްވެސް ގަރާރަކަށް މި ފަސް ޤައުމުގެ ތެރެއިން އެއްވެސް ޤައުމަކުން އިދިކޮޅަށް ވޯޓެއް ދީފިނަމަ އެ ގަރާރަށް ފާސް ނުވާނެއެވެ.
ސަލާމަތީ މަޖިލީހުގައި ރައީސް ޑރ. މުއިއްޒި އިއްޔެ އިއްވެވި ބަޔާނުގައި ވިދާޅުވީ ސަލާމަތީ މަޖިލީހަށް ފެންނަ ފަށުގައި ނަސްނައްތާލުމުގެ އަމަލުތައް އިސްރާއީލުން ހިންގަމުންދާއިރުވެސް، ބައިނަލްއަޤުވާމީ ޤާނޫނު ނެގެހެއްޓުމުގައި އެ މަޖިލިސް ނުކުޅެދިފައިވާކަމަށެވެ. އަދި އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކަށް އަދަބެއް ނުދެ، އަނިޔާވެރި އިސްތިއުމާރު ދެމެހެއްޓުމަށް އިސްރާއީލަށް ފުރުސަތު ފަހިކޮށްދެނީވެސް ވީޓޯ ގެ ބާރު ލިބިފައިވާ ފަސް ޤައުމަކުން ކަމަށް ރައީސް ވިދާޅުވިއެވެ.
“ މި ސަލާމަތީ މަޖިލީހުގެ ބާރުގަދަ ޤައުމުތަކުން އެހެން ޤައުމުތަކަށް ދައްކަން ބޭނުންވާ މިސާލަކީ މިއީތޯ؟ “ ރައީސް ގެ ބަޔާނުގައި އެ މަނިކުފާނު ސުވާލު ކުރެއްވިއެވެ.
ދުނިޔޭގެ ސުލްހަ ބެލެހެއްޓުމަށް އ.ދ. ގެ ސަލާމަތީ މަޖިލީހަށް ހަވާލުކުރެވިފައިވާ ޒިންމާގެ މަތިން ހަނދުމަފުޅު ކޮށްދެއްވަމުން ރައީސް ވިދާޅުވީ އެ މަޖިލިހުގެ ނާޤާބިލުކަމުގެ ސަބަބުން، އ.ދ. ގެ ނިޒާމަށް ދުނިޔެއިން ކުރާ އިތުބާރު ގެއްލެމުންދާކަމަށެވެ. ސަލާމަތީ މަޖިލީހަށް ދުނިޔޭގެ އިތުބާރު ގެއްލެމުންދަނީ، ހަމަހަމަކަމާއިއެކު ތަމްސީލުކުރުމާއި، ޖަވާބުދާރީވުމާއި، ދެފުށް ފެންނަ ގޮތަށް މަސައްކަތްކުރަން އެ މަޖިލީހުން ނުކުޅެދިފައިވާތީ ކަމަށް ރައީސް ގެ ބަޔާނުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލަތައް ހައްލުކުރުމަށް ރައީސް ހުށަހެޅުއްވީ، ހިނދުން ހިނދަށް ހައްލު ހޯދައިދެވޭނެ ނިޒާމެއްގެ ތެރެއިން، މުޅި ބައިނަލްއަޤުވާމީ މުޖުތަމައުއިން އީޖާދީ ހައްލު ހުށަހެޅޭނެ އޮނިގަނޑެއް ބިނާ ކުރުމަށެވެ.



