ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިނުވާނެ ގޮތަށް ހިފެހެއްޓުން މުހިންމުކަމަށް،މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާރޖީ، ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އދ. ގެ ޕާޓްނަރޝިޕްސް އިން އިންތިޒާމުކޮށްގެން ބޭއްވި އެސްޑީޖީ ލައުންޖް ސެޝަންގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ. މި ސެޝަންގައި މިނިސްޓަރ ޠާރިޤް ވަނީ މިޝަން 1.5 އާ ގުޅޭ ގޮތުން ޓައިމްގެ ނޫސްވެރިޔާ ޖަސްޓިން ވޯލަންޑްއާ އެކު ފަޔަރސައިޑް ޗެޓެއްގައި ބައިވެރައިވެރިވެވަޑައިގެންފަ އެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤް ވަނީ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިނުވާނެ ގޮތަށް ހިފެހެއްޓުމުގެ މުހިންމުކަމާއި، ކުދި ޖަޒީރާ ޤައުމުތަކުން އެ ޤައުމުތަކުގެ ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން(އެންޑީސީ) ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވެދިނުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
މި ސެޝަން ބޭއްވީ. މިހާރު ކުރިއަށްދާ އދ. ގެ ޖެނެރަލް އެސެމްބްލީގެ 79 ވަނަ ދައުރުގެ ތެރޭގައެވެ. މި ސެޝަނަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ސެޝަނެކެވެ.



