ދިވެހި ކިޔަވާކުދިންނަށް ބެލްޖިއަމްގައި މަތީ ތަޢުލީމު ޙާސިލުކުރުމުގެ ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
މި މަޝްވަރާތައް ކުރިޔަށްދިޔައީ،ދިވެހިރާއްޖެއިން ބެލްޖިއަމް އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޤީލާ ޢަލީ، ބެލްޖިއަމް ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ފޮރ އޭޝިއާ އެންޑް އޯޝަނިއާ، އެމްބެސެޑަރ ފްރާންސުއާ ޑެލްހަޔެ އާއެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ބެލްޖިއަމް އާ ދެމެދު އޮންނަ ޒަމާންވީ ގުޅުމުގެ މައްޗަށް ސަފީރު ޤީލާ އަލިއަޅުއްވާފައި ވެއެވެ. އަދި މިގާތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، ބެލްޖިއަމް ސަރުކާރާއެކު އިތުރު މަޝްވަރާތައް ކުރިއަށް ގެންދެވިދާނެ ދާއިރާތަކުގެ މައްޗަށް މަޝްވަރާކުރެއްވި އެވެ.
އެގޮތުން، އިގްތިސާދާއި ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުރުމަށާއި ދިވެހި ކިޔަވާކުދިންނަށް ބެލްޖިއަމްގައި މަތީ ތަޢުލީމު ޙާސިލުކުރުމުގެ ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުން ދެ ސަފީރުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އަދި، ޔޫރަޕިއަން ޔޫނިއަން އާއެކު ދިވެހިރާއްޖެއިން ކުރިއަށް ގެންދާ މުހިންމު މަޝްވަރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުވުމުގައި ސަފީރު ޤީލާ އާ އެކު އެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ މުހައްމަދު ޝައްފާއު އިބްރާހިމް އަދި ސެކަންޑް ސެކްރެޓަރީ ހަސަން ނަވާފު ބައިވެރިވެވަޑައިގަތެވެ.



