އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންގެންދާ ލާއިންސާނީ ހަމަލާތަކާއި، ކަލެކްޓިވް ޕަނިޝްމަންޓާއި ޖިންސީ ގޯނާކުރުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި އެވެ.
ރާއްޖޭގެ ފަރާތުން ސަފީރު ޑރ. ސަލްމާ ރަޝީދު މިގޮތަށް ގޮވާލެއްވީ، މިހާރު ކުރިޔަށްދާ އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގެ 57 ވަނަ ސެޝަންގެ މިއަދުގެ ބައްދަލުވުމުގައި ކުރިއަށްދިޔަ ”އެޖެންޑާ އައިޓަމް 4: އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގެ ސަމާލުކަން ބޭނުންވާ ޙާލަތްތަކާ ބެހޭ އާއްމު ބަހުސް“ގައި، ދެއްކެވި ވާހަކަފުޅުގަ އެވެ.
އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގެ ސަމާލުކަން ބޭނުންވާ ޙާލަތްތަކާ ބެހޭ އާއްމު ބަހުސްގައި ފަލަސްތީނުގެ ދިފާޢުގައި ސަފީރު ޑރ. ސަލްމާ ރަޝީދު ތަގްރީރު ކުރައްވާފައިވާއިރު، ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަކީ އެ ކައުންސިލުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެއް ކަމުގައި ދިވެހިރާއްޖެއިން ޤަބޫލުކުރާކަމަށް ވިދާޅުވި އެވެ. އަދި ޣައްޒާގެ ހާލަތު ބަޔާންކޮށް ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އ.ދ. އެޖެންސީ- އަންރުވާގެ އެންމެ ފަހުގެ ހާލަތުގެ ރިޕޯޓުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާމަކުރައްވައި ޒަރޫރީ ހިދުމަތްތަކަށާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ކައުންސިލްގެ ސަމާލުކަމަށް ގެންނެވި އެވެ.
ސަފީރުގެ ވާހަކަފުޅުގައި، ފަލަސްޠީނަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން މި ނުރައްކާތެރި ޙާލަތުތަކުން ހާމަވެގެންދާކަމަށް ވިދާޅުވެ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރާ އަންރުވާގެ މުވައްޒަފުންނަށާއި ވަސީލަތްތަކަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކަށް ޖަވަބުދާރީކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތްކުރުމަށް ގޮވާލެއްވި އެވެ.
މީގެ އިތުރުން އެ ކަމަނާގެ ވާހަކަފުޅުގައި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންގެންދާ ލާއިންސާނީ ހަމަލާތަކާއި، ކަލެކްޓިވް ޕަނިޝްމަންޓާއި ޖިންސީ ގޯނާކުރުން ހުއްޓާލުމަށް ގޮވާލެއްވި އެވެ. އަދި، މި ކަންކަމަކީ ފަލަސްޠީނު ރައްޔިތުން މިނިވަންކަމަށް ކުރާ މަސައްކަތްތައް ހުއްޓުވުމަށްޓަކައި ފަލަސްޠީނުގެ ރައްޔިތުންނަށް އަދަބު ދިނުމުގެ މަޤްޞަދުގައި ހިންގާ ލާއިންސާނީ ޢަމަލުތަކެއްކަމަށް ސަފީރު ޑރ. ސަލްމާ ރަޝީދު ވިދާޅުވި އެވެ.
ސަފީރުގެ ބަޔާން ނިންމާލެއްވީ ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ އަމިއްލަ ދައުލަތެއް ޤާއިމުކުރުމަށް ކުރަމުންގެންދާ މިންނެތް މަސައްކަތުގައި އެއްބާރުލުންދިނުންމަތީ ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނޭކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. އަދި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ އިންތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި އިރުމަތީ ޤުދުސްއަކީ އެ ޤައުމުގެ ވެރިރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ ސިޔާދަތީ އަދި މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ދިވެހި ސަރުކާރުން ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވަމުންނެވެ.



