ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ކަމެއްގެ ގޮތުގައި، ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ވަނީ އެކުވެރި ދައުލަތްތަކުގެ (އދ.) ސަލާމަތީ މަޖިލީހުގައި އިއްޔެ ތަޤުރީރުކުރައްވާފައެވެ. މި ތާރީޚީ ވަގުތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ”ސުލްޙައަށްޓަކައި ލީޑަރޝިޕް: އދ. ގެ ޗާޓަރަށް އިޙްތިރާމްކުރުމާއެކު އެއްބައިވަންތަކަމާއެކު، ރައްކާތެރި މުސްތަޤްބަލެއް ހޯދުމަށް މަސައްކަތްކުރުން“ މި ޝިޢާރުގެ ދަށުން ބޭއްވުނު އދ. ގެ ސަލާމަތީ މަޖިލީހުގެ މަތީ ފެންވަރުގެ ހުޅުވާލެވިފައިވާ ބަހުސްގައި ބައިވެރިވެވަޑައިގެން، އިސްލާމީ އަދި ދިވެހި އަގުތަކާ އެއްގޮތްވާ ގޮތުގެ މަތިން މުހިންމު ބަޔާނެއް އިއްވަވާފައެވެ.
ދިވެހިރާއްޖެ އދ. ގެ މެންބަރަކަށްވީތާ 59 އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރު ކަމުގައިވުމުން، މިއީ ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. މި އަގުހުރި ފުރުޞަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަމަށް ގެންނަންޖެހޭ ގިނަ މުހިންމު ނުކުތާތަކެއް ފާހަގަކުރައްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އެކުވެރި ދައުލަތްތަކުގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންނަށް ލިބިފައިވާ ވީޓޯކުރުމުގެ ބާރު އުވާލުމަށް ގޮވާލެއްވުމެވެ. މީގެ އިތުރުން، އދ. ގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑަށް މުހިންމު އިޞްލާޙުތަކެއް ގެނައުމަށްވެސް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ. މި ހުށަހެޅުންތަކަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ހަމަހަމަކަމާއި އިންސާފު ޤާއިމުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ދެކެވެއެވެ.
ދުނިޔޭގެ ސުލްޙަ ބެލެހެއްޓުމުގައި އދ.ގެ ސަލާމަތީ މަޖިލީހަށް ޙަވާލުކުރެވިފައިވާ ބުރަ ޒިންމާ ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ މަޖިލީހުގެ ނާޤާބިލުކަމުގެ ސަބަބުން، އދ.ގެ ނިޒާމަށް ދުނިޔެއިން ކުރާ އިތުބާރު ގެއްލެމުންދާ ކަމަށެވެ. މި އިތުބާރު ގެއްލެމުންދަނީ، ހަމަހަމަކަމާއެކު ތަމްސީލުކުރުމާއި، ޖަވާބުދާރީވުމާއި، ދެފުށްފެންނަ ގޮތަށް މަސައްކަތްކުރަން ނުކުޅެދިފައިވާތީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަލާމަތީ މަޖިލީހުގެ އިޞްލާޙީ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް މަޝްވަރާކުރެވޭ އިންޓަރގަވަމެންޓަލް ޕްރޮސެސްއެއް އެމަނިކުފާނު ހުށަހެޅުއްވިއެވެ. މި ހުށަހެޅުމުގައި، ތަރައްޤީވަމުންދާ ކުދި ޖަޒީރާ ޤައުމުތަކަށް ސަލާމަތީ މަޖިލީހުގައި ޚާއްޞަ ޖަގައެއް ލިބިދިނުމަށް ދިވެހިރާއްޖެއިން ކުރަމުންދާ އިލްތިމާސް އަލުން ތަކުރާރުކުރެއްވިއެވެ. މިއީ އެފަދަ ޤައުމުތަކުގެ އަޑު އުފުލައި، އެ ޤައުމުތަކަށް ދިމާވާ ޚާއްޞަ ގޮންޖެހުންތަކަށް ސަމާލުކަން ހޯދުމަށް ކުރެއްވި އިންތިހާއަށް މުހިންމު އިލްތިމާސެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޣައްޒާގައި ނިރުބަވެރި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކާއި ވެސް އިޝާރާތްކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސަލާމަތީ މަޖިލީހަށް ފެންނަ ފަށުގައި ނަސްލު ނައްތާލުމުގެ ޢަމަލުތައް ހިނގަމުންދާއިރުވެސް، ބައިނަލްއަޤްވާމީ ޤާނޫނު ނެގެހެއްޓުމުގައި އެ މަޖިލިސް ނުކުޅެދިފައިވާ ކަމަށެވެ. ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގާ ޤަތުލުޢާންމު ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ލިބިފައިވާ ބާރު ކަނޑުވާލަނީ ވީޓޯގެ ބާރުން ކަމަށާއި، އަދަބެއް ނުދެވި، އަނިޔާވެރި އިސްތިޢުމާރު ދެމެހެއްޓުމަށް އިސްރާއީލަށް ފުރުޞަތު ފަހިކޮށްދެނީވެސް ވީޓޯގެ ބާރުން ކަމަށް، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ނާޒުކު މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވީ، އަވަސް ޙައްލުތައް ހޯދައިދެވޭނެ ނިޒާމެއްގެ ދަށުން، މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ބައިވެރިވުމާއެކު އީޖާދީ ޙައްލުތައް ހުށަހެޅޭނެ އޮނިގަނޑެއް ޤާއިމުކުރުމަށެވެ. މިއީ ވަރަށް މުހިންމު ހުށަހެޅުމެކެވެ. މިފަދަ އޮނިގަނޑެއްގެ ސަބަބުން، ވަކި ފަރާތްތަކަކަށް އޮންނަ ވީޓޯގެ ބާރު ނެތި، ހަމަހަމަކަމާއެކު މައްސަލަތަކަށް ޙައްލު ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ތަޤުރީރު ނިންމަވާލެއްވީ ވަރަށް އަގުހުރި އިލްތިމާސަކާ އެކުގައެވެ. ”އަޅުގަނޑުމެން ޚިދުމަތްކުރުމަށް އިންތިޚާބުކުރި ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށްޓަކައި، އެ ރައްޔިތުންނަށް އަޅުގަނޑުމެން އިތުބާރުކުރަމާ ހިންގަވާ“ މިފަދައިން ވިދާޅުވެ، އެމަނިކުފާނު ވަނީ ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނަށް ގޮވާލައްވާފައެވެ.
ޖުމްލަގޮތެއްގައި ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ތާރީޚީ ތަޤްރީރަކީ، އެކުވެރި ދައުލަތްތަކުގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑަށް ފުޅާ އިޞްލާޙުތަކެއް ގެނައުމަށް ގޮވާލައްވައި، ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުތައް ކުރިއެރުވުމަށް އަޑުއުފުއްލަވައި، އަދި ދުނިޔޭގެ ޙައްސާސް މައްސަލަތަކަށް ސަމާލުކަން ހޯއްދަވައިދެއްވި ނުހަނު މުހިންމު ތަޤްރީރެކެވެ. މި ތަޤްރީރުގެ ސަބަބުން، ދިވެހިރާއްޖޭގެ އަޑު ބައިނަލްއަޤްވާމީ މައިދާނުގައި ގަދަވެ، ރާއްޖޭގެ މަޤާމު އިތުރަށް ފުޅާވެގެން ދިޔައެވެ.

މި ތަޤްރީރުގައި ފާހަގަކުރެއްވި ނުކުތާތަކަކީ ހަމައެކަނި ދިވެހިރާއްޖެއަށް މުހިންމު ކަންކަމެއް ނޫނެވެ. އެއީ މުޅި ދުނިޔެއަށް، ޚާއްޞަކޮށް ކުދި ޖަޒީރާ ޤައުމުތަކަށާއި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ނުހަނު މުހިންމު މައްސަލަތަކެކެވެ. ވީޓޯގެ ބާރު އުވާލުމަށް ގޮވާލެއްވުމާއި، ސަލާމަތީ މަޖިލީހުގެ އޮނިގަނޑަށް އިޞްލާޙު ގެނައުމަށް ހުށަހެޅުއްވުމަކީ، ދުނިޔޭގެ ސުލްޙައާއި ސަލާމަތަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.
އަދި ހަމައެހެންމެ، ޣައްޒާގައި ހިނގަމުންދާ އަނިޔާވެރި ޢަމަލުތަކަށް ސަމާލުކަން ގެނެސްދެއްވައި، އެކަން ހުއްޓުވުމަށް ގޮވާލެއްވުމަކީވެސް ނުހަނު މުހިންމު ކަމެކެވެ. މިއީ އިންސާނިއްޔަތަށްޓަކައި އުފުލެވުނު ހަރުދަނާ އަޑެކެވެ. ހަމަހަމަކަމާއި ޢަދުލުވެރިކަމަށް ކުރެވުނު ވަރުގަދަ އިލްތިމާސެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޚިޠާބުން ދައްކުވައިދެނީ، ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، ބައިނަލްއަޤްވާމީ މައިދާނުގައި އިސް ދައުރެއް އަދާކުރެވިދާނެ ޤައުމެއްކަމެވެ. އަދި ހަމައެހެންމެ، ދުނިޔޭގެ ޙައްސާސް މައްސަލަތަކުގައި ރާއްޖޭގެ އަޑު އުފުލައި، ޙައްލު ހޯދުމަށް ދެމިތިބޭނެ ޤައުމެއްކަމެވެ.
ނިންމާލަމުން ދަންނަވާނީ، މި ތާރީޚީ ތަޤްރީރަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެ އަގުހުރި ތަޤްރީރެކެވެ. މިއީ ރާއްޖޭގެ ދިދަ ދުނިޔޭގެ އެންމެ މަތީ ފަންތީގައި ނަގާލެވުނު ފަޚުރުވެރި ވަގުތެއް ވެސްމެއެވެ. އަދި ހަމައެހެންމެ، ދުނިޔޭގެ ސުލްޙައާއި ސަލާމަތަށްޓަކައި ދިވެހިރާއްޖެއިން އަދާކުރާ ޒިންމާދާރު ދައުރުގެ ބާރުގަދަ ހެތްކެކެވެ. މި ތަޤްރީރުގެ ސަބަބުން ދިވެހިރާއްޖޭގެ މަޤާމު އިތުރަށް ފުޅާވެ، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ އަޑު އިތުރަށް ގަދަވެގެންދާނެކަން ކަށަވަރެވެ. މީގެ އިތުރުން، މި ތަޤްރީރަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުތައް ކުރިއެރުވުމަށާއި، ދުނިޔޭގެ ސުލްޙަ ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރަމެވެ.



