އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި ދެމެދު އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް، ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިކަމަށް ޚާއްސަކޮށްގެން ބޭއްވެވި ހަފްލާގައި، އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި ޤައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒު އާދަމްއެވެ.
މި ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، ޤައުމީ ޔުނިވާސިޓީން ދިވެހި ރައްޔިތުން ތަޢުލީމީ މަތީ ހަރުފަތަކަށް ގެންދިއުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ވަރަށް އަގުހުރި މަސައްކަތްތަކެއްކަމަށާއި އެކަން ބަލައިގަންނަކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، މިކަންކަމުގައި ވުޒާރާގެ ފަރާތުން ދެވެން ހުރި އެއްބާރުލުމެއް ކުރިއަށް އޮތްތަނުގައިވެސް ދެމުން ގެންދާނެކަމަށާއި، ސްކޮލަރޝިޕްގެ ފުރުސަތުތައް ހޯދައިދިނުމަށްވެސް މިނިސްޓްރީން މަސައްކަތްކުރައްވާނެކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒު ވިދާޅުވީ، މި ފަހުމުނާގެ ސަބަބުން ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށާއި ޢިލްމުވެރިންނަށް އާ ދޮރުތަކެއް ހުޅުވި، މުޖްތަމަޢަށް އެހީތެރިންކަން ފޯރުކޮށްދިނުމަށް ފުރުސަތު ފަހިވެގެންދާނެކަމަށެވެ.




