ޕްރައިވެޓް ޕޯޓް ފެސިލިޓީތައް ކަސްޓަމްސްގެ މިންގަނޑަށް ފެތޭތޯ ބެލުމުގެ ސަރވޭއެއް ފަށައިފި އެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ބުނީ، ކ. ތިލަފުށީގައި ޤާއިމްކޮށްފައިވާ ޕްރައިވެޓް ޕޯޓް ފެސިލިޓީތައް ކަސްޓަމްސްގެ މިންގަނޑަށް ފެތޭތޯ ބެލުމުގެ ސަރވޭއެއް މިހާރު ކުރަމުން އަންނަކަމަށެވެ. އަދި، މި ސަރވޭގެ ނަތީޖާއަށް ބަލައި މިންގަނޑަށް ނުފެތޭ ތަންތަން ރަނގަޅު ކުރުމަށް ފުރުސަތުދޭނެ ކަމަށާއި، ކުރިމަގުގައި ޚިދުމަތް ލިބޭނީ ޝަރުތުހަމަވާ ތަންތަނަށް އެކަނި ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.
ޕްރައިވެޓް ޕޯޓް ފެސިލިޓީތައް، ކަސްޓަމްސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅޭނީ ކަސްޓަމްސް ސަރަހައްދުތައް ސަރޓިފައިކުރުމުގެ އުސޫލުގައި އެތަނެއްގައި ފުރިހަމަ ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ސަރަހައްދު ފެންސު ޖަހާ ބަންދު ކުރެވިފައިވުމާއި، ސަރަހައްދަށް ވަދެނުކުމެވާ އުޅަނދުފަހަރާއި މީހުންގެ އެކްސެސް ކޮންޓްރޯލް ކުރެވި ލޮގްކުރެވޭނެ ނިޒާމު ގާއިމްވެފައި ހުރުމުންނެވެ. އަދި، ސަރަހައްދު ދިއްލޭނެ އިންތިޒާމު ގާއިމްވެފައި ހުންނަންވެސް ޖެހެއެވެ.
ކަސްޓަމްސްގެ ސަރަހައްދުތަކުގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވަފައިވޭތޯ ބެލުމަށް ކުރެވޭ ސާވޭގައި ބަލާނީ ކަސްޓަމްސް ސަރަހައްދުތައް ސަރޓިފައިކުރުން އުސޫލުގެ 14 އަދި 15 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށެވެ. އެގޮތުން، ޕްރައިވެޓް ޕޯޓް ފެސިލިޓީތައް ކަސްޓަމްސްގެ އާންމު ގަވާއިދުގެ 6 އަދި 7 ގައިވާ މިންގަނޑަށް ފެތޭތޯ ބެލުމަށް ނުވަތަ ”ސަރޓިފައި“ ކުރުމަށްފަހު ސާވޭ ރިޕޯޓު އެ ޕޯޓުގެ ވެރިފަރާތަށް ދޭންވާނެ ކަމަށް ގަވާޢިދުގައި ބަޔާންކޮށްފައި ވެއެވެ.


