މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ(އެމްއޭސީއެލް) އިން ކުރިޔަށްގެންދިޔަ ބޭސިކް ފަޔަރ ފައިޓިންގ ކޯހުގެ 29 ވަނަ ބެޗް ނިންމާލައިފި އެވެ.
އެމްއޭސީއެލްގެ ލާނިންގ އެންޑް ޑެވެލޮޕްމެންޓް ޔުނިޓުން، 43 ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދިޔަ މި ކޯސް، އެކުންފުނީގެ 12 މުވައްޒަފަކު ފުރިހަމަކޮށްފައި ވެއެވެ. މި ކޯހުގައި ކިޔަވައިދެއްވީ، އެކުންފުނީގެ އިންހައުސް ޓްރެއިނަރުން ކަމަށާއި، މިއީ އިންހައުސް މީހުން މި ކޯހުގައި ކިޔަވައިދިން ފުރަތަމަ ފަހަރުކަމަށް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ދީފައިވާ މި ކޯހަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ)އާއި، ވީއައިއޭގެ ވަށައިގެންވާ ސަރަހައްދުގެ އިތުރުން،މަތިންދާ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ކުއްލި ހާލަތުގައި ރައްދު ދިނުމަށް ހަރަކާތްތެރިވާނެ ފަޔަރ ފައިޓަރުން ތަމްރީނުކުރާނެ ކޯހެކެވެ. މި ކޯހަކީ އޭވިއޭޝަންގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިންމު ކޯހަކަށްވާއިރު، މި ކޯހުގައި ކުއްލި ހާލަތްތަކުގައި ކުރިމަތިލުމުގެ ހުނަރު ބައިވެރިންނަށް ދަސްކޮށްދީފައިވާކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
އެމްއޭސީއެލްގެ ލާނިންގ އެންޑް ޑެވެލޮޕްމެންޓް ޔުނިޓުން ގެންދަނީ، އޭވިއޭޝަން ދާއިރާގެ އިތުރުން، މަސައްކަތްތަކުގެ އެކި ދާއިރާތަކުން މުވައްޒަފުންނަށް ތަމްރީން ދެމުންނެވެ. އެމްއޭސީއެލްއިން ބުނީ، ދެމެހެއްޓެނިވިގޮތެއްގައި މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީންތައް ފޯރުކޮށްދިނުމަށް ކުންފުނީގެ މެނޭޖްމެންޓުން މަސައްކަތް ކުރާނެކަމަށެވެ.



