އިންޑިއާ ކަނޑުގެ ބާރުތަކުގެ ތަރުތީބު ކަށަވަރުކުރުމަށް، ދިވެހިރާއްޖެއަކީ ބާރުގަދަ، ފުދުންތެރި އަދި މިނިވަން ޤައުމެއްގެ ގޮތުގައި އޮންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، އެމަނިކުފާނު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޔުނިވަރސިޓީތަކުގެ ތެރޭގައި ގުނާލެވޭ ޕްރިންސްޓަން ޔުނިވަރސިޓީއަށް ޒިޔާރަތް ކުރައްވައި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް ޕޮލިސީގެ ”ޑީންސް ލީޑަރޝިޕް ސީރީސް“ގައި ދެއްވި ތަޤުރީރެއްގައެވެ.
ހަލުވި ދުވެއްޔެއްގައި ރާއްޖެއަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ވާހަކައަކީ، ކާމިޔާބުކަމާއެކު ތަރައްޤީވަމުންދާ ޤައުމެއްގެ ވާހަކަ ކަމަށް ވިދާޅުވެފަ އެވެ. އަދި ޝާމިލު، ފުދުންތެރި މުޖުތަމަޢެއްގެ ގޮތުގައި ޤައުމު ބައްޓަންކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ބައިނަލްއަޤުވާމީ މާލީ އާކިޓެކްޗަރ އިސްލާޙުކުރުމަކީ އެ މަނިކުފާނުގެ ޢަޒުމެއްކަމަށް ވިދާޅުވާ ވިދާޅުވުން ވަނީ ތަކުރާރުކުރައްވާފަ އެވެ.
މޫސުމީ ކާރިސާއެއް އަޔަނުދިނުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު އަޑުއުފުލުމުގައި ދިވެހިރާއްޖެ އަދާކުރާ އިސް ދައުރުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ. ތިމާވެށި ޙިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ދިވެހިން އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާނޭކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ އަރުވާފައެވެ. ޑިޖިޓަލް ޓްރާންސްފޯމޭޝަނަށާއި، އާޓިފިޝަލް އިންޓެލިޖަންސް ބޭނުންކުރުމަށް ރާއްޖޭގައި މަސައްކަތްތަކެއް ކުރާނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރޭގެ ތަޤުރީރުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއަށް އދ.ގެ މެންބަރުކަން މުހިއްމުވީ ސަބަބު ހަނދުމަފުޅުކޮށްއަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރު ކުރިއަށް ގެންދަވަމުން، އަދުގެ ބައިނަލްއަޤުވާމީ ނިޒާމު ބިނާވެފައި އޮތް އަސާސީ އުޞޫލުތަކަކީ، ޤައުމުތަކާއި ދައުލަތްތަކުގެ މެދުގައި އިސްތިޤުލާލަށް އަދި އިސްތިޤުލާލީ ހަމަހަމަކަމަށް އިޙްތިރާމްކުރުމުގެ ސިފަ ދެމެހެއްޓުންކަމަށް ވިދާޅުވި އެވެ. އަދި ކުދި ޖަޒީރާ ޤައުމުތައް ކުރިއަރައިގޮސް، ފުދުންތެރިވުމަށް، އެ ޤައުމުތަކުގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކުރުމުގެ މުހިއްމުކަމަށްވެސް އެމަނިކުފާނު ވާހަކަފުޅުދެއްކެވި އެވެ.
އިންޑިއާ ކަނޑުގެ ބާރުތަކުގެ މެދުގައި އޮންނަ ހަމަޖެހުމަށްޓަކައި ދިވެހިރާއްޖޭގެ އިސްތިރާޖީ މުހިއްމުކަމަށް އަލިއަޅުއްވާލައްވަމުން، ރައީސް ވަނީ،އިންޑިއާ ކަނޑުގެ ބާރުތަކުގެ ތަރުތީބު ކަށަވަރުކުރުމަށް، ދިވެހިރާއްޖެއަކީ ބާރުގަދަ، ފުދުންތެރި އަދި މިނިވަން ޤައުމެއްގެ ގޮތުގައި އޮންނަން ޖެހޭކަމަށް ވިދާޅުވެފަ އެވެ.
ރައީސް ގެ ތަގުރީރުގައި، ޣައްޒާގައި ހަނގުރާމަކޮށް ނަސްލު ނައްތާލުމުގެ ޤަތުލުއާންމު ހިންގަމުން ގެންދާ މި ދަނޑިވަޅުގައި، އިސްވެ ދެންނެވި އުޞޫލުތައް ހިފަހައްޓަމުން ދިއުމަކީ އެމެރިކާގެ މުއައްސަސާތަކަށް ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި، ޔުނިވަރސިޓީތައް ދެމިތިބެން ވާނީ، ސުލްޙަވެރިކަމާ، ޒިންމާދާރުކަމާ، މުޖުތަމަޢަށް ލާބައާއި މަންފާ ދެނިވި، މުޒާހަރާތައް ކުރުމަށް އޮތް ޙައްޤަށް އިޙްތިރާމްކުރާ، އަދި ފިކުރާއި ޚިޔާލު ފާޅު ކުރުމުގެ ވަރުގަދަ މައިދާންތަކެއްގެ ގޮތުގައިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ޒިޔާރަތަކީ ޕްރިންސްޓަން ޔުނިވަރސިޓީގެ ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ސްކޫލްގެ އެޑްވަރޑްސް އެސް. ސެންފޯޑް ޕްރޮފެސަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް އެފެއާޒް، ޑީން އަމާނީ އޭ. ޖަމާލްގެ ދަޢުވަތަކަށް، ”ޑީންސް ލީޑަރޝިޕް ސީރީޒް“ ގެ ދަށުން ކުރެއްވި ޒިޔާރަތެކެވެ.
މި ޒިޔާރަތުގައި ޑީން އަމާނީ އޭ. ޖަމާލްއާ ބައްދަލުކުރައްވައި، ދެ ފަރާތުން ގުޅިގެން މަސައްކަތްކުރެވިދާނޭ ދާއިރާތަކާމެދުވެސް މަޝްވަރާކުރެއްވި އެވެ.



