މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) ގެ ފެސިލިޓީސްތަކަށް މަސްވެރިން ކިރި މަހަށްވާ ފައިސާ އަންނަ ހަފްތާގައި ދައްކައި ޚަލާސްކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަމަށް އެކުންފުނިން ބުނެފި އެވެ.
މިފްކޯއިން ބުނީ، 24 އޯގަސްޓުން ފެށިގެން 26 ސެޕްޓެމްބަރުގެ ނިޔަލަށް މަސްވެރިން ކިރާފައިވާ މަހަށް 17 މިލިއަން ރުފިޔާ އޮޑިފަހަރަށް ދައްކަން ޖެހޭކަމަށެވެ. އަދި މި ފައިސާ އޮޑިފަހަރަށް ދައްކާނެ ގޮތަކާމެދު މަޝްވަރާކުރެވި މިވަގުތައް ހައްލެއް ހޯދިފައިވާކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
”މިމަހުގެ ކުރީކޮޅުން ފެށިގެން މަސްއޮޑިފަހަރުގެ ޕެންޑިންގ ބިލްތަކާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި މި ކުންފުންޏާއި ދެމެދު މަޝްވަރާކޮށްގެން ވަނީ މިވަގުތަށް ހައްލުތަކެއް ހޯދިފަ. އަދި ސަރުކާރުން ދަނީ ކެނޑިނޭޅި މިފްކޯއަށް ދޭންޖެހޭ ސަޕޯޓު ފޯރުކޮށްދެމުން.“ މިފްކޯއިން ބުންޏެވެ.
މިފްކޯއިން ބުނީ، އެކުންފުންޏަށް މައުލޫމާތު ލިބިފައިވާގޮތުގައި ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް މިފްކޯއިން ދޭންހުރި ފައިސާ އަންނަ ހަފްތާގެ ނިޔަލަށް އެއްކޮށް ދައްކާ ހަލާސްކުރުމަށް ކަމަށެވެ. އަދި އެކަމުގެ އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރަމުންދާނެކަމަށް މިފްކޯއިން ބުންޏެވެ.



