ވިއްސާރަވުމުގެ ސަބަބުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) އިން ކަރަންޓްގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މެދުކަނޑާލާފައި އޮތުމަށް ފަހު މާދަމާ އަނެއްކާވެސް އެ މަސައްކަތް ފަށަން ނިންމާފައިވާކަމަށް އެކުންފުނިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ފަށާނީ މާދަމާ ހެނދުނު ކަމަށެވެ. އެގޮތުން ފުރަތަމަ މަސައްކަތް ފަށާނީ، މާލެ ސިޓީ، ހަނދުވަރީ ހިނގުން، އަމީނީ މަގު، ބުރުޒު މަގު، ޢިއްޒުއްދީން މަގު އަދި ދިލްބަހާރު ހިނގުން ހިމެނޭ ސަރަޙައްދުގައި ކަމަށެވެ. އެހެންކަމުން މާދަމާ ހެނދުނު 09:30 އާއި 10:15 އާ ދެމެދު އެ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.
ސްޓެލްކޯއިން ބުނީ، މާދަމާ މެންދުރުފަހު 14:00 އާއި 15:00 އާއި ދެމެދު މާލެ ސިޓީ، ކަނބާއައިސާރަނި ހިނގުން، ބްލޫކިޔާ މަގު، ޝަހީދު ޢަލީ ހިނގުން، މުރަނގަ މަގު އަދި ބުރުޒު މަގު ހިމެނޭ ސަރަހައްދުގައިވެސް ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެކަމަށާއި، މަސައްކަތް ކުރިޔަށްދާ ވަގުތު އެ ސަރަހައްދުންވެސް ކަރަންޓްގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ސްޓެލްކޯއިން ވަނީ، މި މަސައްކަތްތައް ކުރިޔަށްދާއިރު، އެކުންފުނިން ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފަ އެވެ.




