ޖަކާޓާާ ޑިކްލެރޭޝަން އޮން ކޯޕަރޭޝަން އިން ހެލްތު އެންޑް އެންވަޔަރަންމަންޓަށް ރާއްޖެއިން ތާއީދުކޮށް، މެންބަރު ގައުމުތަކަށާއި ޑޯނަރުންނަށް އެ ޑިކްލެރޭޝަން ތަންފީޒު ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ރާއްޖެއިން އިލްތިމާސްކޮށްފި އެވެ.
ރާއްޖޭގެ ފަރާތުން މިކަން ހާމަކުރެއްވީ،މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ އަބްދުالله ޚަލީލް އެވެ. މިނިސްޓަރު އެ ޑެކްލެރޭޝަނަށް ތާއީދުކުރައްވައި އެތަންފީޒް ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ގޮވާލެއްވީ އިއްޔެ އިންޑޮނޭޝިއާގެ ޖަކާޓާގައި ބޭއްވި އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް އެންވަޔަރަންމަންޓް (އޭޕީއާރުއެފްއެޗްއީ)ގެ 5 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފޯރަމްގައި ބައިވެރިވި ރާއްޖޭގެ ވަފްދުގައި އިސްކޮށް ހުންނެވީ، މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ އަބްދުالله ޚަލީލްއެވެ.
މި ފޯރަމަކީ، ސިއްހަތާއި ތިމާވެށްޓަށް ކުރާ އަސަރުތަކާ ދެމެދު އޮންނަ މުހިންމު ގުޅުން ހައްލުކުރުމަށްޓަކައި ސަރަހައްދީ ޤައުމުތަކުން އެއްބާރުލުމާއި ދެމެހެއްޓެނިވި ގޮތެއްގައި މާލީ ނިޒާމްތަކެއް ޤާއިމްކޮށް އޮނިގަނޑެއް އެކުލަވާލުމުގެ މަގުސަދުގައި ބޭއްވި ފޯރަމެކެވެ.
މި ފޯރަމްގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޚާއްސަކޮށް ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކަށް އަލިއަޅުވާލައްވާފައި ވެއެވެ. އެގޮތުން، މިނިސްޓަރު ވަނީ ޓްރާންސްބައުންޑަރީ ޕޮލިއުޝަން ފަދަ މައްސަލަތައް ހައްލުކުރުމަށް ސަރަހައްދީ ޤައުމުތަކުން އެއްބާރުލުން ދިނުމަށް ގޮވާލައްވާފަ އެވެ.
މިނިސްޓަރު ވަނީ، އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމްގެ ހެލްތު އަދި އެންވަޔަރަންމަންޓްގެ މަތީ ފެންވަރުންގެ އޮފިޝަލުންގެ 12 ވަނަ ބައްދަލުވުމުގައިވެސް ބައިވެރިވަޑައިގެން ވާހަކަފުޅު ދައްކަވާފަ އެވެ. މި ބައްދަލުވުންތަކަށް ފަހު މިނިސްޓަރުވަނީ މިއަދު މާލެ ވަޑައިގެންފަ އެވެ.
2004 ވަނަ އަހަރު އުފެދުނު އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް އެންވަޔަރަންމަންޓް (އޭޕީއާރުއެފްއެޗްއީ) އަކީ ތިމާވެށްޓާއި ސިއްހީ މައްސަލަތައް ހައްލުކުރުމަށް އިތުރު ސިނަޖީއެއް އުފެއްދުމަށް މަސައްކަތްކުރާ ސިއްހަތާއި، ތިމާވެށީގެ ވަޒީރުން ބައިވެރިވާ ސަރަހައްދީ އިންޓަގަވަރމަންޓަލް ޕްލެޓްފޯމެކެވެ. އާސިއާން އަދި އިރުމަތީ އޭޝިއާގެ 14 ގައުމެއް ގުޅިގެން ފުރަތަމަ އެކުލަވާލި، މި ފޯރަމްގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ހުރިހައި މެމްބަރު ގައުމުތަކަށް ބައިވެރިވުމުގެ ފުުރުސަތު އޮވެއެވެ. އެހެންކަމުން،ޕެސިފިކް ރީޖަނަލް ފޯރަމް ފޯ ހެލްތު އެންޑް އެންވަޔަރަންމަންޓް ފޯރަމްގެ ފުރިހަމަ މެމްބަރަކަށް ވުމުގެ މަސައްކަތް ރާއްޖެއިންވެސް ވަނީ ފަށާފަ އެވެ.
އޭޕީއާރުއެފްއެޗްއީގެ މިއަހަރުގެ ބައްދަލުވުންތައް ކުރިޔަށް ދިޔައީ މިމަހުގެ 24 އިން 26 ގެ ނިޔަލަށް އިންޑޮނޭޝިއާގެ ޖަކާޓާގަ އެވެ. އޭޕީއާރުއެފްއެޗްއީގެ ރިޔާސަތު މިހާރު ބަލަހައްޓަމުން ދަނީ އިންޑޮނޭޝިއާއިންނެވެ. މި ބައްދަލުވުންތަކުގައި ދުނިޔޭގެ 48 ގައުމެއްގެ ވަޒީރުންނާއި އިސްއޮފިޝަލުން ބައިވެރިވިއެވެ.



