އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ދަފްތަރު ކުރުމަށް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން(ބީސީސީ) އިން ކުރަމުންދާ މަސައްކަތުގެ ދަށުން، ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބީސީސީން މިކަމާއި ގުޅޭގޮތުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރެވޭނެ އުސޫލު އިޢުލާނުކޮށް، އެ ފަރާތްތަކަށް ދަފްތަރުވުމުގެ ފުރުސަތު މިއަދު ހުޅުވާލާކަމަށެވެ. އަދި، އެ ކޯޕަރޭޝަނުން އެހެން ގޮތަކަށް އަންގާ އިޢުލާނު ކުރަންދެން ދަފްތަރުވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވިފައި އޮންނާނެކަމަށް ބީސީސީން ބުނެފައި ވެއެވެ.
ބީސީސީން ބުނީ، އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ދަފްތަރުގައި ރަޖިސްޓަރީވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެ ކަމަށް ޚާއްސަ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ރަޖިސްޓްެރީ ކުރެވޭނެކަމަށެވެ. އަދި، އެ ޕޯޓަލްގެ ލިންކު ބީސީސީގެ މީސްމީޑިޔާ މަންސަތަކުންނާއި، ބީސީސީގެ މެދުވެރިކޮށް މިއަދުން ފެށިގެން ފެންނަން ހުންނާނެކަމަށް ބީސީސީން ބުންޏެވެ.
ދަފްތަރުގެ ލިންކް: Self Employed Persons Registry | BCC
ދަފްތަރުގައި ރަޖިސްޓްރީވުމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އެ ކޯޕަރޭޝަނުގެ ނަންބަރު 3305555 އަށް ގުޅައިގެން ނުވަތަ info@bcc.mv އަށް އީމެއިލް ކުރުމުން ލިބޭނެކަމަށް ބީސީސީން ބުނެފައި ވެއެވެ.
ދަފްތަރެއް އެކުލަވާލަނީ، ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތައް މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ އެފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ކަށަވަރުކޮށް، އެފަދަ ވިޔަފާރިތައް ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައިކަމަށް ބީސީސީން ބުނެފައި ވެއެވެ.




