ނިއުޒިލެންޑްގެ އިންވެސްޓަރުންނަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި އިންވެސްޓުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދަޢުވަތުދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދައުވަތު ދެއްވީ، ނިއުޒިލެންޑްގެ ބޮޑުވަޒީރުގެ ނައިބު، ޚާރިޖީ ވަޒީރު އަދި މިނިސްޓަރ އޮފް ރޭސިންގ ވިންސްޓަން ޕީޓަރސްއާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ،
އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގެ ހަވާސާގަ އި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ބޮޑުވަޒީރު ވަނީ، ދެޤައުމުގެ ދޭދޭ ފަރުދުންގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، ވިޔަފާރި ހަރުދަނާކުރުން ފަދަ، ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާ ތަކާމެދު މަޝްވަރާކުރައްވާފަ އެވެ. އަދި ޖޯގްރަފީ ގޮތުން ރާއްޖެ އޮންނަ ތަނުގެ އިސްތިރާޖީ ފައިދާގެ ބޭނުން ހިއްސާކުރުމާމެދުވެސް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.
މީގެއިތުރުން އަންނަ އޮކްޓޯބަރު މަހު ސަމޯއާގައި ބާއްވަން ހަމަހިފައިވާ ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓް އަކީ، ބައިނަލްއަޤުވާމި ފެންވަރުގައި ދެ ފަރާތައް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެކުގައި މަސައްކަތްކުރަން އޮތް ފުރުޞަތެއްކަން ފާހަގަކުރެއްވި އެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާވަނީ ނިއުޒިލެންޑްގެ އިންވެސްޓަރުންނަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި އިންވެސްޓުކުރުމަށް ދަޢުވަތުދެއްވާފަ އެވެ. މީގެއިތުރުން ތަޢުލީމީ ދާއިރާގައި ހުރި ފުރުޞަތުތަކުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވާދެއްވި އެވެ.
އދގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.



