ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ކޮންމެ ދާއިރާއަކުންވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ޔުނައިޓެޑް އެރެބް އެމިރޭޓްސް(ޔޫއޭއީ) އިން ދީފި އެވެ.
ރާއްޖެއަށް އެހީތެރިވާނެކަމުގެ ޔަގީންކަން ދީފައި މިވަނީ،ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު، ޝައިޚް ޢަބްދުﷲ ބިން ޒާއިދު އާލް ނަހްޔާނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.
އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމުގައި،ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މުހިއްމުކަން ފާހަގަކުރައްވައި، ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ޔޫއޭއިން އޮތްކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ، ރާއްޖޭގެ މިހާރުގެ ޙާލަތާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކުރައްވައި ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރައްވާ ފައެވެ. މީގެއިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި، ޚާއްޞަގޮތެއްގައި އިޤްތިޞާދީ ތަރައްޤީއާއި، އިންވެސްޓްމަންޓް އަދި ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ އެހީތެރިކަން ފާހަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދެ ޤައުމުގެ ދެމެދުގަައި އޮތް ސިޔާސީ ގުޅުން ހަރުދަނާކޮށް، ދެޤައުމުން އިސްކަންދޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމާއެކު އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވަމުންނެވެ.
އދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.



