މާފުށީ ޖަލުގައި ދަންޖެހިގެން، މަރުވި ޣަނީ އިސްމާއީލްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ، ޣަނީގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް އިއްޔެގެ ވަގުތެއްގައި، ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.
ކުޑަކުއްޖަކަށް ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ޖަލުބަންދުގައި ހުރި ޣަނީ މަރުވެފައިވަނީ، މިދިޔަ އަންގާރަދުވަހުގެ ހެނދުނު އެވެ.
ފުލުހުން މިހާރު އަމަލުކުރަމުންދާ އުސޫލުގެ މަތިން ޖަލުގައި މަރުވާ މީހުން އާއިލާއާ ހަވާލުކުރަނީ، ޕޯސްޓްމޯޓަމް ހެދުމަށްފަހުގަ އެވެ. އެއީ، މަރާއި ގުޅިގެން ސުވާލު ނުއުފެއްދޭ މިންވަރަށް އެކަން ކަށަވަރުކުރުމުގެ ބޭނުމުގަ އެވެ.




