ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޚިޔާނާތުގެ މައްސަލަ ތަހުގީގުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޕީއެސްއެމް އަށް ބޭނުންވާ ޑޮލަރު ގަތުމަށް ނެގި ފައިސާ އާއި އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއާއި، ތިޖޫރީގައި ހުރި ފައިސާގެ ތެރެއިން ޖުމްލަ 9 މިލިއަން ރުފިޔާ ގެއްލިފައިވާކަމަށް މިދިޔަ ބުރާސްފަތި ދުވަހު އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި، އެކަމުގައި ޒިންމާވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް މި މައްސަލަ ތަހުގީގު ކުރަން އޭސީސީ އަށް ހުށަހެޅުމަށް ރިޕޯޓްގައި ލަފާދީފައި ވެއެވެ.
މި މައްސަލައާއި ގުޅިގެން މިއަދު ފުލުހުން ބުނެފައިވަނީ، ޕީއެސްއެމްގެ ޚިޔާނާތުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައި ވާކަމަށެވެ. އަދި، ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ އިހުތިސާސް އޮންނަނީ އޭސީސީއަށްކަމަށްވުމާއެކު، އެ މައްސަލަ އެއިދާރާއަށް ފޮނުވާފައިވާކަމަށް ފުލުހުން ބުންޏެވެ.
ޕީއެސްއެމްއަށް ޑޮލަރު ގަތުމަށް ނެގި ފައިސާއާއި ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާއާ ގުޅޭ އޮޑިޓެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދިޔައީ ޕީއެސްއެމްގެ މެނޭޖްމެންޓުން އެދިގެންނެވެ. މި އޮޑިޓްގެ ސްކޯޕްގައި ހިމަނާފައިވަނީ، ޕ.ީއެސ.ްއެމް އިން 2017 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް ހިންގާފައިވާ މުއާމަލާތްތަކެވެ. އެގޮތުން،ޑޮލަރު ގަތުމަށް ހިންގާފައިވާ ފައިސާގެ މުއާމަލާތްތަކާއި،އެކި ޚިދުމަތްތައް ފޯރުކޮށްދީގެން އާމްދަނީގެ ގޮތުގައި ލިބިފައިވާ ނަގުދު ފައިސާގެ މުއާމަލާތްތަކާއި،ތިޖޫރީގައި ބަހައްޓާ ފައިސާއާއި، ނަގުދު ފައިސާއިން ކުރި ޚަރަދުތަކާ ގުޅޭ މުއާމަލާތްކެވެ. އެ އޮޑިޓު ނިންމަައި އޮޑިޓު ރިޕޯޓު އޮޑިޓު އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އާންމުކޮށްފަ އެވެ.
އެ ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުގައި،ރާއްޖެއިން ބޭރުގެ ފަރާތްކަށް ޑޮލަރުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ޑޮލަރު ގަތުމަށް 2020 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނަގާފައިވާ ފައިސާާގެ ތެރެއިން 4,583,701 ރުފިޔާއާއި 2017 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕްްރީލު މަހުގެ ނިޔަލަށް ޕީއެސްއެމްއަށް އާމްދަނީ އާއި އަދި އެހެނިހެން ގޮތްގޮތުން ބަލައިގަނެފައިވާ ނަގުދު ފައިސާގެ ތެރެއިން 4,260,295 ރުފިޔާއާއި ޕީއެސްއެމްގެ ތިޖޫރީގައި ބެހެއްޓި ނަގުދު ފައިސާާގެ ތެރެއިން 190,087 ރުފިޔާއާއެކު ޖުމުލަ 9,034,083 ރުފިޔާާ ޕީއެސްއެމްއިން ގެއްލިފައިވާކަން ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.




