އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖެ ވަޑައިގެންފި އެވެ.
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަތީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ، އިރާކޮޅުގެ ވަގުތެއްގަ އެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޑޮކްޓަރ މުޢިއްޒު ނިއުޔޯކުން ފުރާވަޑައިގަތީ ހޮނިހިރު ދުވަހުއެވެ. އެނބުރި ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަނީ، ޔޫއެންޖީއޭ 79 ގެ ޖެނެރަލް ޑިބޭޓް، ނުވަތަ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމާއި، އދގެ ސަލާމަތީ މަޖިލީހުގައި ތަޤުރީރު ކުރައްވާފަ އެވެ. މިއީ މީގެ 59 އަހަރު ކުރިން، އދގެ މެންބަރަކަށް ދިވެހިރާއްޖެ ވީ ފަހުން، ޤައުމުގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކު، އދގެ ސަލާމަތީ މަޖިލީހުގެ ތަޅުމުގައި ތަޤުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.
އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ މުހިންމު މައުޟޫޢުތަކަށް އެތައް ތަޤުރީރެއް ދެއްވާފަ އެވެ. އަދި ޔޫއެންޖީއޭ 79ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށް ދިޔަ މުހިންމު އެތައް ބައްދަލުވުމެއްގެ ރިޔާސަތުގައި ކޯ-ޗެއަރއެއްގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ. ހަވާސާ ބައްދަލުވުންތަކުގައި ރައީސްގެ ވާހަކަފުޅުތަކާއި، ތަޤުރީރުތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ މޫސުމީ ނޭދެވޭ ބަދަލުތައް، އިއާދަކުރަނިވި ހަކަތަ، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކާއި ޑިޖިޓަލައިޒް ކުރުން ފަދަ މައުޟޫޢުތަކަށެވެ.
ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެތައް ލީޑަރުންނެއް އެއްތަނަކުން އެއް ވަގުތެއްގައި ބައްދަލުކުރައްވާ، މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު ވަނީ، ޔޫއެންޖީއޭ 79ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ވަޑައިގެންނެވި އެކި ވަފުދުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވާ، ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދަވާފަ އެވެ. އަދި، އދގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓޭރޭޒްއާވެސް ބައްދަލު ކުރެއްވި އެވެ. އަދި ނިއުޔޯކްގައި ދިރިއުޅެމުންދާ ދިވެހިންނާވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފަ އެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމެރިކާއިން ފުރާވަޑައިގަތުމުގެ ކުރިން ރައީސް ޑރ. މުޢިއްޒު ވަނީ “ޑީންސް ލީޑަރޝިޕް ސީރީޒް”ގެ ދަށުން، ޕްރިންސްޓަން ޔުނިވަރސިޓީގެ ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއަރޒްގައި ތަޤުރީރު ކުރައްވާފަ އެވެ. އަދި، ނިއު ޔޯކްގައި ހުންނަ ގޫގްލްގެ މައި އޮފީހަށްވެސް ރައީސް ޒިޔާރަތް ކުރެއްވި އެވެ.
މިއީ ޑރ.މުޢިއްޒު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ރައީސްގެ މި ދަތުރުފުޅު ދިމާވީ، ދިވެހިރާއްޖެ، އދގެ މެންބަރު ޤައުމަކަށް ވިތާ 59 އަހަރު ފުރުނު މުނާސަބަތާވެސް މެއެވެ.



