ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން މާލެ ސަރަަހައްދު ހިމެނޭހެން،7 އަތޮޅަކަށް ވައިޓް އެލާޓް ނެރެފި އެވެ.
ޅ. އަތޮޅުން ފ އަތޮޅާ ހަމަޔަށް ވައިޓް އެލާޓް ނެރުނީ، ހެނދުނު 09:30 އިން 15:30 އަށެވެ. މިއަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްނެވެ. އަދި،ވިލާގަނޑުގައި 35 މޭލަށް ވައި ގަދަވާނެކަމަށް ވެސް ލަފާކޮށްފައި ވެއެވެ.
ހަވީރު 06:00 އާ ހަމަޔަށް މޫސުން ކުރިޔަށް ލަފާކޮށް މެޓް އޮފީހުން ބުނީ، އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށެވެ. އަދި، ދެކުނުގެ ބައެއް ރަށްތަކަށް، ކެރީގެ އަސަރު ފޯރާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ، ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު 8 މޭލާއި 18 މޭލު ދެމެދުގެ ބާރުމިނުގައެވެ. އަދި، ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށިގެންވާކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި،ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެކަމަށް ބުނެފައި ވެއެވެ.ރާޅު ނަގާނެކަމަށް ލަފާކޮށްފައިވަނީ 6-3 ފޫޓް އުސްމިނުގަ އެވެ.



