މިއަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި ކުރި މަސައްކަތްތަކުގައި 8 މީހަކަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު މީޑީއާތަކާ ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު،މި އަހަރުގެ ޖެނުއަރީ 1 އިން އޮގަސްޓް 31 އާ ހަމައަށް ގޭންގް ކުށްތަކާ ދެކޮޅަށް ފުލުހުންގެ ގޭންގް ކްރައިމް އެންފޯސްމަންޓުން 67 މީހަކު ހައްޔަރުކޮށްފައި ވެއެވެ.އޭގެތެރެއިން 15 މީހަކު ރިމާންޑް ޖަލަށް ބަދަލުކޮށްފައިވާއިރު، 30 މީހަކު ވަނީ ބަންދުން ދޫކޮށްލާފަ އެވެ.އަދި އޭގެ ތެރެއިން 22 މީހަކު އަދި ވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ.
ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި، ގޭންގް ކްރައިމް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަންތަކުގައި، 12،253 މީހުން ހުއްޓުވައި ސުވާލުކޮށްފައިވެއެވެ. މީގެތެރޭގައި،18 އަހަރުން މަތީގެ 2583 މީހުންނާއި، 18 އަހަރުން ދަށުގެ 331 ކުދިން ހިމެނެއެވެ. 331 ކުދިން ތަކުރާރުކޮށް ހުއްޓުވާފައިރު،ސުވާލުކުރެވުނު އަދަދު 2014 އަށް އަރަ އެވެ.
މީގެ އިތުރުން ގޭންގް ހިންގާ ކަމަށް ބެލެވޭ 87775 ސަރަހައްދެއް ޗެކްކޮށް، 2 ސަރަހައްދަކުން ގޮނޑި މޭޒުތައް ނަގައި،37 ސަރަހަދަކުން ގްރެފިޓީ ފޮހެލާފައި ވެއެވެ.
ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި،ޖުމްލަ 22 މައްސަލައެއް ހުށަހަޅާފައިވާއިރު،8 މައްސަލައެއް ތަހްގީގުކޮށް ނިންމައި، ދައުވާކުރަން އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައި ވެއެވެ.
ފުލުހުން ބުނީ، ސްޓްރެޓީޖިކް ޕްލޭން 2024-2028 ގައި ކަނޑައެޅިފައިވާ ގޭންގް ކުށްތަށް ހުއްޓުވުމުގެ ލަނޑުދަނޑި ހާސިލް ކުރުމަށްވެސް ތަފާތު މަސައްކަތްތައް ކުރަމުން އަންނައިރު، ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ހާއްސަ ވިންގެއް ގާއިމު ކޮށްފައިވާކަމަށެވެ.
ފުލުހުން މިހާރު ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަމުން ގެންދާކަމަށް ފުލުހުން ބުނެފައި ވެއެވެ.




