ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށް ފުލުހުންގެ ޚިދުމަތުން ވިޔަފާރިތަކަށް، އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިފަދައިން އިލްތިމާސްކޮށްފައި މިވަނީ، ބެންކު ޓްރާންސްފަރ ސައްހަނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާކަން ފުލުހުންގެ ޚިދުމަތަށް ފާހަގަކުރެވުމާއި ގުޅިގެންނެވެ.
ފުލުހުން މިއަދު ބުނީ، މިގޮތަށް އޮޅުވާލައިގެން ބެންކު ޓްރާންސްފަރ ސްލިޕްތައް ފޮނުވާ ފަރާތްތަކުން ވަކި ހާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ސައްހަނޫން ޓްރާންސްފަރ ސްލިޕް އުފައްދާކަމަށް، މިހާތަނަށް ފުލުހުންގެ ތަހުގީގުތަކަށް ފާހަގަކުރެވިފައިވާކަމަށެވެ. ވަކީން ހާއްސަކޮށް ރެސްޓޯރަންޓުތަކާއި ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު އަގު ދެއްކުމުގެ ގޮތުން މިފަދަ ސްލިޕްތައް ފޮނުވާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ.
މިފަދ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށާއި މިފަދަ ކަމެއްގެ ޝިކާރައަކަށްވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށާއި އޮންލައިންކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި ވެސް އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.




