ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި ދެ ބިދޭސީއަކު ޑީޕޯޓްކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ،މިމަހުގެ 5ވަނަ ދުވަހު ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން އައި ފަސް ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށާއި، އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހުން މިދިޔަ ހަފުތާގައި ޑީޕޯޓްކޮށްފައިވާ ކަމަށެވެ. އަދި، ބާކީ ތިބި ތިން މީހުން ވެސް ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެ މީހުން ރާއްޖެއިން ފޮނުވާލާނެ ދުވަހެއް ހާމަކުރެވޭނީ ލިޔެކިޔުމުގެ މަސައްކަތް ނިމުމުން ކަމަށް އިމްގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މި ފަސް މީހުންގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ އާއި ޑެބިޓް އަދި ކްރެޑިޓް ކާޑުތަކެއް ފެނިފައިވާއިރު، އިމިގްރޭޝަނުންވަނީ މިރެއިޑުގައި ހިފަހައްޓާފައިވާ ޑޮލަރާއި ދިވެހި ފައިސާއާއި ގިނަ ޢަދަދެއްގެ ޕާސްޕޯޓުގެ ފޮޓޯ އާއްމުކޮށްފަ އެވެ.
މިއަހަރުގެ ޖުލައި އަދި މާރިޗު މަހުވެސް އިމިގްރޭޝަނުންވަނީ ކަޅު ބާޒާރުގައި ގަވާއިދާ ޚިލާފަށް ޑޮލަރު ވިއްކަމުންދިޔަ ބިދޭސީންތަކެއް ޑީޕޯޓުކޮށްލާފަ އެވެ. އަދި ރާއްޖޭން ގަވާއިދާ ޚިލާފަށް ބޭރުކުރަން އުޅުން 81000 އަށްވުރެ ގިނަ ޑޮލަރާއެކު ބިދޭސީއަކު މިދިޔަ މަހުވަނީ ހައްޔަރުކޮށްފަ އެވެ.




