ފެނަކައިން ފޭކް ސްޕެއަރތަކެއް، ބޮޑުއަގުގައި ގަނެފައިވާކަމަށް ބުނެ، ރާއްޖެއެމްވީއިން ފަތުރަމުންދަނީ ހަޤީޤަތާ ޚިލާފު ޚަަބަރެއްކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ރާއްޖެ އެމްވީގެ ޚަބަރު ދޮގުކޮށް، ހަގީގަތް ހާމަކުރުމުގެ ގޮތުން ފެނަކައިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރުގައި، ޙަވާލާދީފައިވާ ލިޔުންތަކުން ފެންނަ މުދަލަކީ، އެ ކުންފުންޏަށް ގަނެފައިވާ މުދަލެއް ނޫންކަމަށެވެ. އަދި. ދައުރު ކުރަމުންދާ ޚަބަރުގައި، ފެނަކައަށް އެ މުދާ ބޮޑު އަގުގައި ގަތްކަމަށް ބަޔާންކޮށް، ނުހިނގާ ކަމެއް ހިނގި ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތްކޮށް، ކަނޑައެޅިގެން އޮޅުވާލާފައިވާކަމަށް އެކުންފުނިން ބުނެފައި ވެއެވެ.
”ކުންފުންޏަށް ބޭނުންވާ ސްޕެއަރ ހޯދުމުގެ މަސައްކަތް އޮތީ، ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީގައިވާގޮތުގެ މަތިން ޓެންޑަރ ކޮމިޓީގެ މަރުހަލާގައި. ވިމާ، މިއީ އަދި މިހާތަނަށް މި ކުންފުންޏަށް ގަނެފައިވާ މުދަލެއް ނޫން. އަދި އެއްވެސް އަދަދެއްގެ ފައިސާއެއް ދައްކާފައިވާ މުއާމަލާތެއްވެސް ނޫން.ް“ ފެނަކައިން ބުނެފައި ވެއެވެ.
ފެނަކައިން ބުނީ، ކުންފުންޏަށް މުދާ ގަންނަނީ، ފަންނީ މުވައްޒަފުންނަށް ފުރިހަމައަށް ބާރުލިބިދޭ ގޮތަށް އެކުލަވާލެވިފައިވާ އިޖްރާޢަތްތަކުގައި ހިމެނޭ ގިނަ މަރުހަލާތަކެއް ފުރިހަމަވެގެންކަމަށާއި،އެ ހުރިހާ މަރުހަލާއެއް ފުރިހަމަވެގެން އަންނައިރު، ކުންފުންޏަށް ގަނެވޭ މުދަލުގެ ކޮލިޓީއާއި، އަގު އަދި މުއްދަތު ކަނޑައެޅުމުގައި، އެ މުދަލެއް ބޭނުންވާ އަސާސީ ޚިދުމަތާއި، ވަގުތުގެ ޙާލަތަށް ރިއާޔަތް ކުރެވޭނެ ކަމަށެވެ.
ފެނަކައިގެ ބަޔާނުގައި ބުނެފައިވަނީ، އައު މެނޭޖްމަންޓުން ކުންފުންޏާ ޙަވާލުވުމަށްފަހު، އެ ކުންފުނިން ކުރިން އަމަލުކުރަމުން ދިޔަ ޕްރޮކިއުމަންޓް އުސޫލުތަކުގައި ހުރި ބާގަނޑުތަކުން ލިބެމުންދިޔަ ގެއްލުންތައް ހުއްޓުވައި، އުސޫލުތައް ހަރުދަނާކުރި ކަމަށެވެ.
”އެންމެ އިސްކަމެއްގެ ގޮތުގައި، މި ކުންފުންޏަށް ފެންވަރު ދަށް މުދަލާއި ޚިދުމަތް ދެމުންދިޔަ ”ފޭކް“ ކުންފުނިތައް ނުވަތަ ވެންޑަރުން ބްލެކް ލިސްޓް ކުރެވުނު.“ ފެނަކައިން ބުނެފައި ވެއެވެ.
ކުންފުންޏާއި ކުންފުނިން ޚިދުމަތް ހޯދާ ރައްޔިތުންގެ ހައްޤުގައި،އެކުންފުނިތައް ބްލެކްލިސްޓް ކުރީ، ޤާނޫނީގޮތުން ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހު ކުންފުނީގެ ފަންނީ މުވައްޒަފުންގެ ލަފާގެމަތީން ކަމަށް ފެނަކައިން ބުނެފައި ވެއެވެ. އަދި، ފެންވަރު ދަށް މުދަލާއި ޚިދުމަތްދޭ ފަރާތްތަކާއި މެދު ފިޔަވަޅު އެޅީ، އޭގެ ސަބަބުން ބައެއް ފަރާތްތަކުގެ ނުރުހުން އަމާޒުވާނެކަން ދެނެތިބެކަމަށް ފެނަކަައިން ބުނެފައި ވެއެވެ.
ފެނަކައިން ބުނީ އެކުންފުންޏަށް ޚިދުމަތް ދޭ ފަރާތްތަކަކީ، ހަރުދަނާ ޓެންޑަރ ޕްރޮސެސްއެއްގެ ތެރެއިން ކުންފުނީގައި ރަޖިސްޓްރީ ކުރެވި، އެއްބަސްވުމެއް ޤާއިމްވުމުގެ ކުރިން ކޮމިޓީތަކުގައި އިވެލުއޭޓް ކުރެވޭ ފަރާތްތަކެއްކަމަށެވެ. އެހެންކަމުން، ކުންފުންޏަށް މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދޭ ފަރާތްތަކުގެ ބޮލުގައި، ”ފޭކް“ ކަމަށް ޢިލްޒާމް އަޅުވާ ޚަބަރު ފެތުރުމަކީ، އެ ފަރާތްތަކާ ފެނަކައާ ދެމެދު އޮންނަ ގުޅުން ހީނަރުވެ އިތުބާރު ގެއްލޭނެ ސަބަބެއްކަމަށްވެސް ފެނަކައިން ބުނެފައި ވެއެވެ.
ފެނަކައިން ބުނީ، ކުންފުނީގެ އައު މެނޭޖްމަންޓުން އަޅަމުންދާ ފިޔަވަޅުތަކުންނާއި، ކުރިން ކުންފުންޏަށް ވެފައިވާ އިހުމާލުތަކުގެ ވާހަކަ ފާޅުކޮށްފައިވާތީ، ޒާތީ ނުވަތަ ސިޔާސީ ނުރުހުމެއްގެ ތެރެއިން ނަމަވެސް ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށްފައިވާ ދޮގު ޚަބަރުތައް ނުފެތުރުމަށް އިލްތިމާސްކުރާކަމަށެވެ. އަދި ހަޤީޤަތް އޮޅޭގޮތަށް ފަތުރާ ޚަބަރުތަކާއިމެދު ސަމާލުވެ، ކަމުގެ ހަޤީޤަތް ސާފުކުރުމަށްވެސް ފެނަކައިން ހަނދާންކޮށްދީފައި ވެއެވެ.



