އާރޓްސް އެންޑް ކަލްޗަރ ސެންޓަރެއް ޤާއިމުކުރުމަށް އަމާޒުކޮށް މޯލްޑިވިސް ޕޮލިޓެކްނިކާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި، ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ، އެ އިދާރާގެ ސިއީއޯ، ޛޫޝާން ކަމާލުއްދީންއެވެ. އަދި ބީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އިދާރާގެ ޗީފް ސްޓްރެޓެޖިކް އޮފިސަރ، މަރްޔަމް ނަޝާ އެވެ.
މިއީ، ދިވެހިރާއްޖޭގެ ސަޤާފަތާއި ތަރިކަ ރައްކާތެރިކުރުމާއި، އުފެންދުންތެރި ވިޔަފާރިވެރިންނަށް ފުރުސަތުތަށް ފަހިކޮއްދިނުމާއި، ޒުވާނުން ސަޤާފީ ކަންކަމަށް ހޭލުންތެރިކުރުވުމަށް އަމާޒުކޮށް ޤާއިމުކުރާ މަރުކަޒެއްކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.
ބީސީސީއާއި ޕޮލިޓެކްނިކް އިން ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި މަރުކަޒުގައި އާންމުން ހޭލުންތެރިކުރުވައި، ވިޔަފާރިވެރިންނާއި އެކި ޖަމިއްޔާ ޖަމާޢަތްތަކާއި ގުޅިގެން ތަފާތު އެތަށް ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.
ދިވެހިބަހާއި އަދަބިއްޔަތާއި ތާރީހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ދާއިރާ ދިރުވައި ޢާލާކުރުމުގެ އިތުރުން އެ ދާއިރާތަކުން އިޤްތިޞާދީ ނަފާ ހޯދުމަށް މަސައްކަތްކުރުމަކީ ރަޢީސުލް ޖުމުޙޫރިއްޔާ، ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މޯލްޑިވިސް ޕޮލިޓެކްނިކާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއާއި ދެމެދު ވެވުނު މި އެއްބަސްވުމަކީ މި މަސައްކަތް ތަންފީޒުކުރުމަށް އެޅިގެންދާ ވަރަށް މުޙިއްމު ފިޔަވަޅެކެވެ.


