ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބިނާވެފައިވަނީ އިތުބާރާއި، އިޙްތިރާމާއި، ސިޔާދަތު ދެމެހެއްޓުމާއެކު، އިސްތިޤުލާލު ހިފެހެއްޓުމުގެ ބިންގަލުގެ މަތީގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ދރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޗައިނާގެ 75 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރިސެޕްޝަނުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޗައިނާގެ ވެރިންނާއި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެ ތަރައްޤީއަށް ކުރާ ދަތުރުގައި ޗައިނާއިން ދަނީ މެދުނުކެނޑި، ސާބިތުކަމާއެކު ބައިވެރިވަމުން ކަމަށާއި ސިނަމާލެ ބްރިޖާއި، ބޯހިޔާވަހިކަން އަދި މި ނޫންވެސް ގިނަ ޢުމްރާނީ މަޝްރޫޢުތަކަކީ މި ދާއިމީ ގުޅުން ދައްކުވައިދޭ ދިރިހުރި ނިޝާންތަކެއް ކަމަށެވެ.
އެގޮތުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވިޔަފާރި އާއި، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތަ އާއި، ބޯހިޔާވަހިކަމާއި ބިނާރު އަދި ޘަޤާފީ ދާއިރާގައި ދެ ޤައުމުގެ ގުޅުން މިހާރަށްވުރެ ބަދަހިވާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، ޗައިނާ ރައްޔިތުންގެ ހިންމަތްތެރިކަމާއި ނުގުޑާ ޢަޒުމާއި، އަދި ސާބިތުކަން ވެސް ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ އިޤްތިޞާދުގައި ބާރުވެރި ޤައުމެއްގެ ގޮތުގައި ޗައިނާ ހިމެނިގެންދިޔައީ، ޤައުމުގެ ތަރައްޤީ ޒަމާނާ ހަމަހަމަކުރުމަށް އަޙައްމިއްޔަތުކަން ދީގެން ވިލުންތެރިކަން ޙާސިލްކުރުމަށް ޗައިނާއިން ދަތުރުކުރި ރާސްތާގެ ސަބަބުންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މުސްތަޤުބަލުގައި ދެ ޤައުމުގެ މެދުގައިވާ ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެ، ފަހި ފުރުޞަތުތަކެއް ލިބި، ތަމައްދުނުވެ، އަމަންއަމާންކަން އިތުރުވެގެންދާނޭކަމަށް ޔަޤީންކުރައްވާކަމަށްވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ޗައިނާގެ ޤައުމީ ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުންފެށިގެންނެވެ.




