އިދިކޮޅު އެމްޑީޕީގެ ދުވަސްވީ އެކްޓިވިސްޓެއް ކަމަށްވާ ހ. ވެލަސްފަރުގޭ އިބްރާހީމް ޖައުހަރީ (ޖައުފަރު) ގެ ކުއްލި މަރުވުން، އެތައް ސުވާލެއް ކުރިމަތި ކުރުވައިފިއެވެ.
ގިނަ މުޒާހަރާތަކުގައި ކެމެރާއެއް ހިފައިގެންނާއި ޢަމަލީ ގޮތުން ވެސް ހަރަކާތްތެރިވި ޖައުފަރުގެ ހަށިގަނޑު ފެނިފައިވަނީ އިއްޔެ ހަވީރު އުސްފަސްގަނޑާ ދިމާލު މޫދުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ، އުސްފަސްގަނޑާ ދިމާލު ބޭރުކަނޑުމަތީގައި މީހަކު މަރުވެފައި އޮތްކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން އޭނާ އައިޖީއެމްއެޗްއަށް ގެންދިޔަ ކަމަށާއި ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށެވެ.
ގިނަ މީހުން ޖައުފަރު ދަންނަނީ ”ނޫސްވެރިއެއްގެ“ ގޮތުގައެވެ. އާންމުކޮށް ގިނަ މުޒާހަރާތަކުގައި ހަރަކާތްތެރިވަމުން ދިޔަ ޖައުފަރު އެންމެ ފަހުން ފެނިފައިވަނީ އިއްޔެގެ ވަގުތެއްގައި އުސްފަސްގަނޑާއި ދިމާލުން ގައުތައްމަތީގައި މަސްބާނަން ހުއްޓާ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. އޭނާއަކީ ކުރިން ވެސް ވަރަށް ގިނައިން އެސަރަހައްދަށް މަސްބާނަންދާ މީހެއް ކަމަށާއި، އިއްޔެ ދިމާވި ކުއްލި ހާދިސާގައި ގިނަ ބަޔަކަށް ސިހުން ލިބިފައިވާ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ. ނަމަވެސް އޭނާ އެތަނުގައި މަސްބާނަން ހުއްޓާ، އޭނާ ކައިރިއަށް އެހެން މީހަކު ދިޔަތަން ނުފެންނަ ކަމަށާއި އެހެންކަމުން މީހަކު އޭނާ ކަނޑަށް އެއްލާލީ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.
ޖައުފަރުއަކީ އެމްޑީޕީގެ އެކްޓިވިސްޓެއްގެ އިތުރުން މަޝްހޫރު ޤާނޫނީ ވަކީލާ މަރިޔަމް ޝުނާނާގެ ބައްޕައެވެ.



