ރާއްޖޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ އަދަދު ނިމިދިޔަ ސެޕްޓެމްބަރު މަހު ދަށްވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ތަރުޖަމާނު އަޙުމަދު ޝިފާން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ހފާއިތުވީ އޮގަސްޓު މަހާއާއި އަޅާބަލާއިރު، ވައްކަމުގެ މައްސަލަތަކާއި، ފޭރުމުގެ މައްސަލަތަކުގެ އިތުރުން އެހެނިހެން މައްސަލަތަކުގެ އަދަދުވެސް ދަށްވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.
ޝިފާން ވަނީ އެ ޕޯސްޓާއެކު، ކުށުގެ އަދަދުތައް ރިކޯޑު ކުރެވިފައިވާ ތަފާސް ހިސާބުތަކުގެ ގްރާފެއްވެސް ދައްކާލައިފައެވެ.
އެގޮތުން މިއަހަރުގެ އޮގަސްޓު މަހުގައާއި ސެޕްޓެމްބަރު މަހުގައިވެސް އެންމެ ބޮޑަށް ރިކޯޑު ކުރެވިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. ނަމަވެސް އޮގަސްޓު މަހު ވައްކަމުގެ 327 މައްސަލަ ރިކޯޑު ކުރެވިފައިވާއިރު ސެޕްޓެމްބަރު މަހު މިއަދަދު ވަނީ 230 އަށް ދަށްވެފައެވެ.
ވައްކަމުގެ މައްސަލައިގެ އިތުރުން ދެން އެންމެ ގިނައިން ރިކޯޑު ކުރެވިފައިވަނީ މަގުމަތީގެ އެކްސިޑެންޓުތަކުގެ އަދަދެވެ. އެގޮތުން އޮގަސްޓު މަހު ޓްރެފިކް އެކްސިޑެންޓުގެ 204 މައްސަލަ ރިކޯޑު ކުރެވިފައިވާއިރު ސެޕްޓެމްބަރު މަހު މިއަދަދު ވަނީ 143 އަށް މަދުވެފައެވެ.
ރިކޯޑު ކުރެވިފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ މަދުން ރިކޯޑު ކުރެވިފައިވަނީ ގެވެށި އަނިޔާގެ މައްސަލަތަކާއި މަކަރާއި ހީލަތުގެ މައްސަލަތަކެވެ. އޮގަސްޓު މަހު ގެވެށި އަނިޔާގެ 31 މައްސަލައަކާއި މަކަރާއި ހީލަތުގެ 16 މައްސަލައެއް ރިކޯޑު ކޮށްފައިވެއެވެ. ނަމަވެސް ނިމިދިޔަ ސެޕްޓެމްބަރު މަހު ގެވެށި އަނިޔާގެ ރިކޯޑު ކޮށްފައިވަނީ 11 މައްސަލައަކާއި މަކަރާއި ހީލަތުގެ 12 މައްސަލައެކެވެ.




