ދިވެހިރާއްޖެއާއި ސައުދީ ޢަރަބިއާއި ދެމެދު ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމުގެ ގޮތުން އެމްއޯޔޫ އެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމަށްޓަކައި މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަލްފާޟިލް މުޙައްމަދު ސައީދު ރިޔާދަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ. އަދި މި އެމްއޯޔޫ ގައި ރާއްޖޭގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ވެސް އެމަނިކުފާނެވެ. ސައުދީ އަރަބިއާގެ ފަރާތުން ސޮއި ކޮށްފައިވަނީ މިނިސްޓަރ އޮފް ކޮމަރސް އެންޑް ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑްގެ ބޯޑް ޗެއަރމަން ޑރ. މާޖިދު އިން ޢަބްދުﷲ އަލްގަބަސީއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރާއްޖެއާއި ސައުދީ އަރަބިއާއާ ދެމެދު ސޮއި ކުރެވުނު މި އެމްއޯޔޫގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ބޯޑަރ ހުރަސްކޮށް ކުރެވޭ ފޮރިން އިންވެސްޓްމަންޓުތައް އިތުރަށް ފުޅާ ކުރުމަށް ވެސް މަގުފަހިވެގެން ދާނެއެވެ. މީގެއިތުރުން ވިޔަފާރިއާއި ފަތުރުވެރިކަން އަދި އިމާރާތްކުރުންފަދަ މުހިންމު ދާއިރާތަކުން ދެ ޤައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.


