ވޯޓަރ ބަންކަރިންގ އާއެކު އިތުރު ޚިދުމަތްތަކެއް ހޯދުމަށްޓަކައި ބޭރުގެ ބޯޓެއް އިހަވަންދިއްޕޮޅަށް ބަނދަރު ކުރާ ގޮތަށް ހަމަޖެހިއެޖެއެވެ.
ރާއްޖޭގެ މެރިޓައިމް ދާއިރާ ފުޅާ ކުރައްވައި، ރާއްޖޭގެ އިގުތިސާދަށް ދިރުން ގެނެސްދޭނޭ އިތުރު ސިނާޢަތެއްގެ ގޮތުގައި ރާއްޖޭގެ މެރިޓައިމް ދާއިރާ ތަރައްގީ ކުރެއްވުމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ފައްޓަވާފައެވެ. އެގޮތުން ރާއްޖޭގެ އުތުރުން ދަތުރު ކުރަމުން ގެންދާ، ރާއްޖެއިން ބޭރުގެ ބޯޓު ފަހަރަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ”އުތުރު މެރިޓައިމް ސާވިސަސް“ ގެ ނަމުގައި ޚާއްސަ އިންތިޒާމްތަކެއް ހަމަ ޖައްސަވައި، މި އިންތިޒާމުތަކުގެ ދަށުން ޚާއްސަ ފެސިލިޓީއެއް މިދިޔަ ސެޕުޓެމްބަރ މަހުގެ 18 ވަނަ ދުވަހު ވަނީ، ހުޅުއްވާފައެވެ.
މިމަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ މޯލްޑިވުސް ޕޯޓުސް ލިމިޓެޑް (އެމްޕީއެލް) އާއެވެ.
އެމްޕީއެލް އިން މައުލޫމާތު ދީފައިވާ ގޮތުގައި މިވަގުތު ޖުމުލަ 14 ޚިދުމަތެއް ދިނުމަށް ތައްޔާރު ކުރެވިފައިވާ މިފެސިލިޓީ އިން ދެވޭ ޚިދުމަތްތަކާއި ބެހޭ މައުލޫމާތުތައް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ވެސް ދަނީ ހޯދަމުންނެވެ.
މިގޮތުން، މިފެސިލިޓީ އިން ޚިދުމަތް ހޯދުމަށް ޕެނަމާގައި ރަޖިސްޓުރީ ކޮށްފައިވާ އޮއިލް ޕޮރޮޑަކުޓުސް ޓޭންކަރ އެއް، މި އޮކުޓޯބަރ މަހުގެ 3 ވަނަ ދުވަހު އިހަވަންދިއްޕޮޅަށް ބަނދަރު ކުރާ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް އެމްޕީއެލް އިން ބުނެއެވެ.
މި ބޯޓުން ހޯދުމަށް އެދިފައިވާ ޚިދުމަތްތަކުގެ ތެރޭގައި، ޕައިލެޓޭޖް ޚިދުމަތް، ފުރެޝް ވޯޓަރ ބަންކަރިންގ، ކުރޫ ޗޭންޖް (ރާއްޖެއިން ބޭރުން އަންނަ 6 ކުރޫ އެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހއ. އަތޮޅަށް ގެންގޮސް ބޯޓަށް އަރުވައިދީ، ބޯޓުގައި ތިބި 9 ކުރޫ އެއް ބޯޓުން ބާލައިގެން ގެންގޮސް ވެލާނާ އިންޓަނޭޥަލް އެއަރޕޯޓުން ރާއްޖެ އިން ބޭރަށް ފުރުވާލުން / މިވަގުތައް ޖުމުލަ 15 ކުރޫ ޗޭންޖް، މިއަދަދު އަދި އިތުތު ވެދާނެ ކަމަށް ބެލެވޭ) ކާބޯ ތަކެތި ސަޕުލައި ކޮށްދިނުން އަދި ސްޕެއަރ ޕާޓުސް ސަޕުލައި ކޮށް ދިނުން ވެސް ހިމެނެއެވެ.
މި ބޯޓަށް ޚިދުމަތް ދިނުމުގައި އެމްޕީއެލް ގެ އިތުރުން، އަމިއްލަ ކުންފުނި ތައް ވެސް ބައިވެރި ވާނެ ކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ.



