ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.
އެ ސެންޓަރަށް މި ބަދަލު ގެނެސްފައިވަނީ ރޭ މެންދަމު 00:00 (1 އޮކްޓޫބަރު 2024، 00:00) އިން ފެށިގެންނެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި މިއީ އެ ސެންޓަރުގެ ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެކެވެ.
މި އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު ސްޓެލްކޯއިން ވަނި އެކުންފުނީގެ ހޮޓްލައިން، 1545 ވެސް ތަޢާރަފުކޮށްފައެވެ. އެގޮތުން ސްޓެލްކޯގެ ހޮޓްލައިން މެދުވެރިކޮށް ކޮންޓެކްޓް ސެންޓަރަށް ގުޅައިގެން އެކުންފުނިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތަކާއި ގުޅުންހުރި މަޢުލޫމާތު ލިބިގަނެ، ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތައް ހުށަހެޅޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
މީގެއިތުރުން، ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއަރގެ ޚިދުމަތާއިއެކު ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުޢާމަލާތު ކުރެވޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖެހިފައެވެ.
”ސްޓެލްކޯ ކޮންޓެކްޓް ސެންޓަރގެ ޚިދުމަތް މިއަދު 24 ގަޑިއިރަށް ބަދަލުވެގެންދިޔައިރު، މިއީ މިކުންފުނީގެ ޚިދުމަތް ފުޅާކޮށް، ސްޓެލްކޯއިން ދެމުންދާ ޚިދުމަތްތަކަކީ ޒަމާނާ އެއްހަމައެއްގައި ފައިހަމަ ކުރާ ޚިދުމަތްތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް އިތުރުކުރެވުނު ބޮޅެއް“ ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ޚިދުމަތް ފުޅާކުރުމާއި ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވިއެވެ.
މި ޚިދުމަތް ވެގެންދާނީ ސްޓެލްކޯއަށް މިހާރުވެސް ރައްޔިތުން ކުރަމުންދާ ފުރިހަމަ އިތުބާރު އިތުރުވެ، ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމުގައި އެކުންފުންޏަށް ކުރިއަށް އެޅޭ ކާމިޔާބު ފިޔަވަޅަކަށް ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.



