ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި (އާރްޑީސީ)، މިނިސްޓްރީ އޮފް ސޯޝަލް ސެކިއުރިޓީ އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ދަސްވާރު ޕްރޮގްރާމް މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމަކީ 30 ޖޫން 2024 ގައި ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
6 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 5 ބައިވެރިން ހިމެނެއެވެ. ޕްރޮގްރާމްގެ ބައިވެރިންނަށް އަމަލީ މަސައްކަތާއި ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން، ކޯޕަރޭޝަންގެ މެއިންޓަނަންސް، ލޮޖިސްޓިކް، ސޭލްސް އެންޑް މާކެޓިންގ، ޕްރޮޖެކްޓްސް، އަދި ރޯޑް މެއިންޓަނަންސް ފަދަ ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ދެވޭނެއެވެ. މީގެ އިތުރުން، ޕްރޮގްރާމްގެ މުއްދަތުގައި ކޮންމެ ބައިވެރިއަކަށް މަހަކު 5000 ރުފިޔާގެ އެލަވަންސެއް ދެވޭނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބާރުވެރިކުރުވުމާއި، ވަޒީފާގެ ބާޒާރުގައި ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް ހަމަހަމަކަމާއެކު މަސައްކަތްކުރެވޭނެ މާހައުލެއް ޤާއިމުކޮށްދިނުން ހިމެނެއެވެ. އަދި މީގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމާއި، އެ ފަރާތްތައް މުޖުތަމަޢުގެ ބޭނުންތެރި، ޒިންމާދާރު އަދި ހަރުދަނާ މެންބަރުންނަށް ހެދުމަށް މަގުފަހިކޮށްދިނުން ވެސް ހިމެނެއެވެ.
މި ޕްރޮގްރާމަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށާއި، އެ ފަރާތްތަކުގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.



