ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރިކަމުގެ ދައުވާ އުފުލިފައިވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ މައްޗަށް އެ ދައުވާ ސާބިތު ނުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ޝިޔާމްގެ މައްޗަށް ކޮށްފައިވަނީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އެމްއާރުސީސީގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން ޝިޔާމްގެ ބައްފަ ދިރިއުޅެން ބެހެއްޓި މައްސަލާގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގައެވެ. މިދައުވާއަށް އޭނާވަނީ އިންކާރު ކޮށްފައެވެ.
މި ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ގާޒީ އާއިޝަތު ނުޒުހާ ހުކުމް ކުރެއްވީ ސިފައިންގެ ވީއައިޕީ ގެސްޓްހައުސްގައި ބެހެއްޓީ ނުފޫޒެއް ބޭނުންކޮށްގެންކަން ދައުލަތަށް ބުނެދެވިފައި ނެތް ކަމަށެވެ.
ގާޒީ މިފަދައިން ހުކުމް ކުރެއްވީ ސިފައިންގެ ވީއައިޕީ ގެސްޓްހައުސްގައި މީހުން ބެހެއްޓުމަށް ލިޔެފައިވާ ޚާއްސަ އުސޫލެއް ނެތުމުންނާއި ސިފައިންގެ އާއިލާގެ މީހުންނާއި ސިފައިންގެ ދައުވަތަށް އަންނަ މެހެމާނުން އެކި މުއްދަތަށް ބައިތިއްބައި ހިދުމަތް ދޭކަން ކޯޓަށް ސާބިތުވެފައިވުމުންނެވެ.
ކުރީގެ ޗީފް އޮފް ޑިފެންސްގެ މައްޗަށް ކޮށްފައިވާ މިދައުވާއަކީ ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމެއް ކަމަށް އޭސީސީން ވެސް ކުރިން ނިންމާފައިވާ މައްސަލައެކެވެ.



