ބޭރުފައިސާގެ ބާޒާރުގެ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެގޮތުން 1987ގެ މަނިޓަރީ ގަވާއިދާއި މަނީ ޗޭންޖަރ ކަމުގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގަވާއިދު އުވާލައި މި ގަވާއިދުތަކުގެ ބަދަލުގައި އާ ދެގަވާއިދެއް އެމްއެމްއޭއިން ވަނީ ގެޒެޓްކޮށްފައެވެ. އެއީ ބޭރު ފައިސާއާ ބެހޭ ގަވާއިދާއި މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ ގަވާއިދެވެ.
މިކަމާ ބެހޭގޮތުން އިތުރު ތަފްސީލު ދެމުން އެއޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ދެ ގަވާއިދުތައް އެކުލަވާލައިފައިވަނީ ކަމާގުޅޭ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކޮށް ފަންނީ ބޭފުޅުންގެ ލަފައާއެކު ކަމަށެވެ. އަދި މިއަދުން ފެށިގެން މި ދެ ގަވާއިދަށް އަމަލުކުރަން ފަށާނެ ކަމަށް ވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.
އެމްއެމްއޭއިން ބުނެފައިވަނީ މި ގަވާއިދުތަކުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަމުންދާ ބޭރު ފައިސާގެ ނިސްބަތް އިތުރުވެ އަދި ބޭންކިން ނިޒާމުން ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާގެ ނިސްބަތް އިތުރުކުރުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން، އެކްސްޗޭންޖް ރޭޓް ސިޔާސަތު ތަންފީޒުކުރުމަށްޓަކައި އެމްއެމްއޭ އިން ފޮރިން އެކްސްޗޭންޖް މާކެޓަށް ވިއްކަމުންދާ ބޭރުފައިސާގެ އަދަދު އިތުރުކުރުމަށް ވެސް މަގުފަހިވެގެން ދާނެ ކަމަށް އެއޮތޯރިޓީން ބުނެފައިވެއެވެ. ވަކިން ޚާއްސަކޮށް މި ގަވާއިދުތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާތަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމުގެ ޔަޤީންކަން އެމްއެމްއޭއިން ދީފައިވެއެވެ.


