އީރާނުން އިޒްރޭލަށް އިއްޔެ ދިން ހަމަލާގެ ސަބަބުން އިޒްރޭލުން ރައްދު ދޭން ބޭނުންވާނެކަން ޤަބޫލުކުރާ ކަމަށާއި ނަމަވެސް ދެ ޤައުމުގެ މެދުގައި މިވަގުތު އެންމެ ރަނގަޅުވާނީ ރަނގަޅަށް މުއާމަލާތް ކުރުން ކަމުގައި އިންޑިއާއިން ބުނެފިއެވެ.
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ އެސް ޖައިޝަންކަރް އެމެރިކާގެ ކާނެގީ އެންޑޯމެންޓްގައި ވާހަކަދައްކަމުން ބުނީ، ދެ ޤައުމުގެ މެދުގައި މިހާރު ރަނގަޅަށް މުއާމަލާތް ކުރަން ޖެހިފައިވާ ކަމަށާއި އެކަމުގެ މެދުވެރިއަކަށް އިންޑިއާ ވާން ތައްޔާރު ކަމަށެވެ.
އިޒްރޭލުން ފަލަސްތީނުގެ ޤާޒާއަށް ދެމުންގެންދާ ހަމަލާތަކަށް ރައްދު ދެމުން އީރާނުން އިއްޔެ ވަނީ އިޒްރޭލަށް 300 އަށްވުރެ ގިނަ މިސޭލު ފޮނުވާފައެވެ. މިހަމަލާތަކުގެ ސަބަބުން އީރާނަށް ރައްދު ދޭނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބުނެފައެވެ.
މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަމުން ޖައިޝަންކަރް ބުނީ، އިޒްރޭލުން ރައްދު ދޭން ބޭނުންވާނެކަން ވިސްނޭ ކަމަށާއި ނަމަވެސް މިކަމާ ގުޅޭގޮތުން އިންޑިއާއަށް މިވަގުތު ކޮށްދެވޭނެ ކަމަކީ ހަމައެކަނި ދެ ޤައުމުގެ މެދުގައި ރަނގަޅަށް މުޢާމަލާތް ކުރުމުގެ މެދުވެރިއަކަށްވުން ކަމަށެވެ.
ޖައިޝަންކަރު އިތުރަށް ބުނީ މިހަމަލާތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވާނީ ދެ ޤައުމުގެ ވެސް ރައްޔިތުންނަށް ކަމަށްވާތީ، ސުލްޙަވެރިކަމާއެކު ދެ ޤައުމުން މުޢާމަލާތްކޮށް މަޝްވަރާކުރުން މުހިންމު ކަމަށެވެ.



