ރާއްޖޭގެ ޓޫރިޒަމުން ލިބޭ ޖުމްލަ އާމްދަނީ ރާއްޖޭގައި ހިންގާ ބޭންކެއްގެ އެކައުންޓަކަށް ޖަމާކުރަން ޖެހޭ ގޮތަށް ބޭރު ފައިސާ އާ ބެހޭ ގަވައިދު އިއްޔެ މަރުކަޒީ ބޭންކު މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލައިފިއެވެ.
އެމްއެމްއޭ އިން އިއްޔެ ގެޒެޓުކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޓޫރިޒަމް ދާއިރާއާ ގުޅުންހުރި މުދަލާއި ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ވިއްކާ ހިދުމަތް ނުވަތަ މުދަލަށް ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީ ރާއްޖޭގައި ހިންގާ ބޭންކު އެކައުންޓަކަށް ޖަމާކުރަން ޖެހޭނެ ކަމަށެވެ.
އެމްއެމްއޭ އިން ނެރުނު ގަވައިދުގައި ބުނާގޮތުން ޓޫރިޒަމް ދާއިރާއާ ގުޅުންހުރި މުދަލާއި ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ވިއްކާ ހިދުމަތް ނުވަތަ މުދަލަށް ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީ ޖަމާކުރަން ޖެހެނީ އެ ފައިސާ ލިބޭތާ ތިން މަސް ތެރޭގައެވެ.
އެގޮތުން އެއީ ކޮންމެ އިރަކު ދޭ ހިދުމަތަކުން ލިބުނު ފައިސާއެއް ނަމަވެސް އެ ފައިސާ ލިބޭތާ ތިން ވަނައަށްވާ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެކައުންޓަށް ފައިސާ ޖަމާކުރުން ގަވައިދުން ވަނީ ލާޒިމްކޮށްފައެވެ. އަދި އެ ފައިސާ ޖަމާ ކުރަން ޖެހޭނީ އެމެރިކާ ޑޮލަރުން ނުވަތަ އެމްއެމްއޭ އިން ހުއްދަ ކުރާ ބޭރު ފައިސާ އިން ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެއެވެ.



