ބޭރު ފައިސާއާ ބެހޭ އައު ގަވައިދު މަރުކަޒީ ބޭންކު މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލީ ރަނގަޅަށް މަޝްވަރާ ކުރުމެއްނެތި ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފިއެވެ.
މަޓީ އިން މިއަދު ”އެކްސް“ ގައި ނެރުނު ބަޔާނެއްގައި ވަނީ، އައު ގަވައިދުތައް އެމްއެމްއޭއިން އެކުލަވާލާފައިވާނީ ކަމާއި ގުޅުންހުރި ސްޓޭކްހޯލްޑަރުންނާއި މަޝްވަރާ ކުރެއްވުމަށްފަހު ކަމުގައި ބުނި ބުނުން ދޮގު ކޮށްފައެވެ. އަދި ބޭރު ފައިސާއާ ބެހޭ އައު ގަވައިދުގައި ހިމެނުމަށް އެމްއެމްއޭ އިން ހުށަހަޅާފައިވާ ހުށަހެޅުންތަކަކީ އެ ޖަމިއްޔާއަށް އެއްބަސްވެވޭނެ ހުށަހެޅުންތަކެއް ނޫން ކަމުގައި ވެސް މަޓީއިން ފާހަގަ ކޮށްފައިވެއެވެ.
އެމްއެމްއޭ އިން އިއްޔެ ގެޒެޓުކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޓޫރިޒަމް ދާއިރާއާ ގުޅުންހުރި މުދަލާއި ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ވިއްކާ ހިދުމަތް ނުވަތަ މުދަލަށް ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީ ރާއްޖޭގައި ހިންގާ ބޭންކު އެކައުންޓަކަށް ޖަމާކުރަން ޖެހޭނެ ކަމަށެވެ.
އެމްއެމްއޭ އިން ނެރުނު ގަވައިދުގައި ބުނާގޮތުން ޓޫރިޒަމް ދާއިރާއާ ގުޅުންހުރި މުދަލާއި ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ވިއްކާ ހިދުމަތް ނުވަތަ މުދަލަށް ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީ ޖަމާކުރަން ޖެހެނީ އެ ފައިސާ ލިބޭތާ ތިން މަސް ތެރޭގައެވެ.
އެގޮތުން އެއީ ކޮންމެ އިރަކު ދޭ ހިދުމަތަކުން ލިބުނު ފައިސާއެއް ނަމަވެސް އެ ފައިސާ ލިބޭތާ ތިން ވަނައަށްވާ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެކައުންޓަށް ފައިސާ ޖަމާކުރުން ގަވައިދުން ވަނީ ލާޒިމްކޮށްފައެވެ. އަދި އެ ފައިސާ ޖަމާ ކުރަން ޖެހޭނީ އެމެރިކާ ޑޮލަރުން ނުވަތަ އެމްއެމްއޭ އިން ހުއްދަ ކުރާ ބޭރު ފައިސާ އިން ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެއެވެ.




