މީދޫ ކައުންސިލުން އައިސް ޕްލާންޓު ހެދުމަށް ހިލޭ ބިން ދޫކުރުމުން މަސްވެރިންނަށް މީދޫ ކައުންސިލުން ދޭ އަހައްމިއްޔަތުކަން ހާމަވެއްޖެ ކަމަށް މިފްކޯއިން ބުނެފި އެވެ.
މިފްކޯއިން މިހެން ބުނެފައި ވަނީ އެރަށު ކައުންސިލުން ސަރުކާރުގެ ޕީއެސްޕީ ބަޖެޓުގެ ތެރެއިން އަލަށް ގާއިމްކުރާ ދ.މީދޫ އައިސް ޕްލާންޓަށް ބޭނުންވާ ބިން އެއްވެސް އުޖޫރައެއް ނުނަވާ މިފްކޯ އާއި ހަވާލު ކުރުމުންނެވެ.
މިފްކޯއިން ބުނެފައިވާ ގޮތުގައި މިއީ މީދޫ ކައުންސިލުން މަސްވެރީންނަށް ދެއްވާ އަހަމިއްޔަތުކަން ހާމަވެގެންދާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމެންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ވިދާޅުވެފައިވާ ގޮތުގައި މީދޫގައި އައިސް ޕްލާންޓު ހެދުމަށް 3000 އަކަފޫޓުގެ ބިމެއް އެރަށު ކައުންސިލުން ވަނީ އެއްވެސް އުޖޫރައެއް ނުނަގާ ގޮތަށް ދިނުމަށް ހަމަޖައްސައިފައެވެ. އަދި އެ ސަރަހައްދުގެ މަސްވެރީންނަށް ނުވަތަ މަސްވެރިކަމަށް އައިސް ލިބޭގޮތް ވުމުން މިފްކޯއަށް ތާޒާ ކަނޑުމަސް ލިބިގެންދާނެކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.
”ކައުންސިލްތަކުން ނަގަނީވެސް ރަމްޒީ ފީއެއް. އަދި އަޅުގަނޑުމެނަށް އެއިން ފައިދާ ނުވވިޔަަސް މަސްވެރީންނަށް ހެޔޮ އަގެއްގައި އައިސް ވިއްކަނީ ކޮލެޓީ މަސް ހޯދުމުގެ މަގްސަދުގައި. މި މަސައްކަތް ނިމުމުން ދެން އެ ސަރަހައްދުން ވެސް ލިބޭނީ ކޮލެޓީ މަސް.“ މުއާޒް ވިދާޅުވިއެވެ.
މީގެއިތުރުން، މީދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ، މުސްތަގުބަލުގައި މީދޫއަށް މަސްއޮޑިފަހަރުގެ އައިސް އަޅަން ދިއުމުން އެރަށުގެ އިގްތިސާދީ އޮއިވަރު ބަދަލުވެ، ކުދި ވިޔަފާރިތަކާއި ފިހާރަތަކާއި ސައި ހޮޓަލުގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި މީދޫގެ އިތުރުން އެ ރަށާ ކައިރި ރަށްރަށުގެ ފަރުމަސް ވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ރޯމަހުގެ މަސައްކަތުގައި އުޅޭ އާންމުންގެ އާމްދަނީއަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.
މީދޫގައި އައިސްޕްލާންޓެއް އެޅުމަށް ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯއިން އެއްބަސްވެ، އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގައެވެ.މިމަޝްރޫއުގެ ދަށުން މީދޫގެ އިތުރުން ދ.ބަނޑިދޫ އާއި ށ.ފުނަދޫގައި ދު
ވާލަކު 30 ޓަނުގެ އައިސް އުފައްދާ އަދި 50 ޓަނުގެ އައިސް ސްޓޯރޭޖް ކުރެވޭނެ ފަދަ އައިސްޕްލާންޓު އެޅުމަށް ވަނީ ނިންމާފައެވެ.
ސަރުކާރުން މިފްކޯއަށް ފަންޑުކޮށްގެން ކުރިއަށް ގެންދާ މިމަސްރޫގެ ދަށުން ޖުމްލަ 8 އައިސްޕްލާންޓު އެޅިގެންދާއިރު، މުޅި މަޝްރޫއަށް 8 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.



