އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓުގެ ދަށުން ސ. ހަންކެޑެގައި ތަރައްގީކުރާ ހޮޓާތައް މެނޭޖުކުރަން ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މަރަދޫ އަދި ހިތަދޫގެ ދެމެދުގައި އޮންނަ ހަންކެޑެ، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ފުރަތަމަ ފަށާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައުޔޫމުގެ ސަރުކާރުންނެވެ.
އެހެންނަމަވެސް ވެރިކަން ބަދަލުވެ އެމަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި ވަނިކޮށް ކުރީގެ ރައީސް މުޙައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އެ ތަން ފަތުރުވެރިކަމަށް ތަރައްގީކުރަން ހުސްވި އަހަރުގެ މާޗު މަހު ޗައިނާގެ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެންއީއީސީ) އާ ހަވާލުކޮށް އެމަޝްރޫއަށް 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގާފަ އެވެ.
އެހެންނަމަވެސް މިހާތަނަށް އެތަން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ނުވާއިރު، މިއަދު މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުން ވަނީ ހަންކެޑެގައި ހޮޓާތައް މެނޭޖުކުރަން ޓައިމް ހޮޓެލްސްއާއި ކޮންޑުއިޓް ހައުސްއާއެކު ސޮއިކޮށްފައިވާ ކަން އިއުލާން ކޮށްފައެވެ.
މިދެކުންފުންޏާއިއެކު ހަންކެޑެ ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިހާރު ދުބާއީގައި ކުރިއަށްދާ ފިއުޗާ ހޮސްޕިޓާލިޓީ ސަމިޓުގެ ތެރެއިން އެވެ.



