ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 6 ބިދޭސީއެއް އަތުލައިގަނެފި އެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި އިމިގްރޭޝަނުން ވަނީ ފުލުހުންނާއި ގުޅިގެން ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުން ދިޔަ ބިދޭސީން ހޯދުމަށް މިދިޔަ އޮގަސްޓު މަހާއި ސެޕްޓެންބަރު މަހު ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފަ އެވެ.
މިއޮޕަރޭޝަންގެ ތެރެއިން މިކަމުގައި ޝާމިލްވާ ބިދޭސީ 05 އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އޭގެ ތެރެއިން ތިން މީހަކު މިހާރު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓު ކޮށްލާފައިވާ ކަމަށް ވެސް އެއޮތޯރިޓީން ބުނެފައިވެ އެވެ،
މީގެއިތުރުން އިމގްރޭޝަނުން ވަނީ އެއޮތޯރިޓީގެ ބެލުމުގެ ދަށުގައި ބާކީ ތިބި ތިން މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފަ އެވެ.
އިމިގްރޭޝަނުން އަންނަނީ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



