މ. މުލީގައި އިމާރާތް ކުރަމުންދާ ފެނަކައިގެ އާ އޮފީހުގެ 79 އިންސައްތަ މަސައްކަތް ނިމިއްޖެކަމަށް ފެނަކައިން ބުނެފި އެވެ.
ފެނަކައިން ހާމަކޮށްފައިވާ އިމާރާތުގެ ބޮޑެތި މަސައްކަތްތައް ނިމި މިހާރު ކުރިއަށް ދަނީ ދޮރުތައް ހަރުކުރުމުގެ މަސައްކަތެވެ.
މީގެއިތުރުން، އިމާރާތަށް ބޭނުންވާ ކަރަންޓު ވަޔަރިންއާއި ފެނާ ނަރުދަމާ ހޮޅި ގުޅުމުގެ މަސައްކަތްތައް މިހާތަނަށް ނުނިމި ހުރި ކަމަށާއި އިމާރާތުގެ މަސައްކަތް އެއްކޮށް ނިމޭއިރު، އަލިފާން ނިވާ ސިސްޓަމަކާއި ފަޔަރ އެލާމް ސިސްޓަމެއްވެސް ޤާއިމްވެފައި ހުންނާނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ހަމައެއާއިއެކު ދެ ބުރިއަށް އިމާރާތް ކުރާ މި އޮފީސް އިމާރާތަކީ ޖާގައިގެ ގޮތުން ތަނަވަސް، މުވައްޒަފުންނަށާއި ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ފަސޭހަ އިމާރާތަކަށް ވެގެންދާނެ ކަމަށް ފެނަކައިން އިތުރަށް ބުނެފައިވެއެވެ.
ފެނަކައިން ބުނެފައިވާ ގޮތުގައި އެކުންފުނީގެ އަމާޒަކީ އިމާރާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންގޮސް މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.



