ހުޅުމާލޭގައި ޕާކިންގ އިމާރާތްތަކެއް އެޅުމަށް ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރުވެއްޖެއެވެ.
އެޗްޑީސީން ކުރިއަށް ގެންދާ މިމަޝްރޫޢުއާ ގުޅިގެން، ވެހިކަލްތަކާ ގުޅޭ މައުލޫމާތުތައް ފޯރުކޮށްދިނުމާއި އެހެނިހެން މިކަމާ ގުޅުންހުރި ކަންކަމުގައި ފުރިހަމަ އެއްބާރުލުން އެކޯޕަރޭޝަނަށް ދިނުމަށް އެޗްޑީސީއާއެކު ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަނީ އެމްއޯޔޫ އެއްގައި ސޮއި ކޮށްފައެވެ.
އެގޮތުން އެޗްޑީސީ ގެ ފަރާތުން އެމްއޯޔޫ ގައި ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުއެވެ. އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޓްރާންސްޕޯޓު މިނިސްޓަރ އަހުމަދު އަމީންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ މިއީ މިފަދަ އެއްބަސްވުމެއްގެ މަގުސަދަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ ދަތިކަމަށް ހައްލެއް ހޯދައި ދިނުން ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދާނީ އެޗްޑީސީން ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
އެޗްޑީސީގެ އެމްޑީ ފަޒުލް ވިދާޅުވީ ޕާކިންގ އިމާރާތްތައް އެޅުމުން ބޮޑު އަގުގައި ގަރާޖު ސިޓީ ވިއްކުން ނިމުމަކަށް އަންނާނެ ކަމަށެވެ.
”މި ތަނުން ޕާކިން ސްލޮޓު ގަންނަ މީހަކަށް ލިބޭ ފުރުސަތަކީ އުމުރަށް އެ ޕާކިން ސްލޮޓް ލިބުން. މާނައަކީ އެ މީހެއްގެ އެ ޕްލޮޓް ލިބޭނެ، އެޕާޓްމަންޓެއް އޯންކުރާ އުސޫލުންނޭ މި ކޮޅުން ވިއްކަން ހަމަޖެހިފައި މިއޮތީ. ބޭންކިން ސިސްޓަމްގެ ތެރެއިން ފައިސާ ދައްކާ އުސޫލު ވެސް ޑައިރެކްޓް ޕޭމަންޓް ވެސް ގަބޫލުކުރާނަން“ ފަޒުލް ވިދާޅުވިއެވެ.




