ބަންދުގައި ތިބޭ މީހުންގެ ޝަރީއަތުގެ މަރުހަލާ އަވަސް ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޟީ އާދަމް މުހައްމަދާއި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ބައްދަލު ކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކޯޓުގއ އިސް ގާޟީ އާއި ޕީޖީ މިއަދު ބައްދަލުކުރައްވާ މައްސަލަތައް ޖަމާވުން މަދުކުރުމަށާއި މިހާރު ބަންދުގައި ތިބި މީހުންގެ ޝަރުއީ މަރުހަލާ އަވަސް ކުރުމާއި ކޯޓުގެ ޖާގައިގެ ދަތިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ޕީޖީ އައްބާސް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބެން ޖެހޭ ޖެހުމަށް ހައްލު ހޯއްދެވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވަރުގެ މައްޗަށް އަލިއަޅުވާލާ ވިދާޅުވީ މައްސަލައިގެ ތަހުގީގު ފެށޭ ހިސާބުން ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ އުސޫލަކީ ގާނޫނު އަސާސީގެ ދަށުން ބަޔާންކޮށްފައި އޮންނަ އުސޫލެއް ކަމަށާއި އެކަމަށް ހައްލު ގެނައުމަކީ ގާނޫނު އަސާސީއަށް ވެސް ބަދަލު ގެންނަން ޖެހިދާނެ ކަމެށެވެ.
ހަމައެއާއިއެކު، މިހާރު ސަރުކާރުން ޖިނާއީ އިޖުރާތުގެ ގާނޫނަށް ހުށަހަޅުއްވާފައި އޮތް އިސްލާހުތަކުން ބަދަލުތައް ގެނެވުމުން ވެސް މި ކަމަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށާއި، މުޅި މައްސަލައަށް ހައްލު ލިބޭނީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ކޯޓުތަކުން އަވަހަށް ހުކުމް ކުރެވޭ ގޮތަށް ނިޒާމް ބައްޓަން ކުރެވިގެން ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.
މީގެއިތުރުން ކޯޓުގެ ޖާގައިގެ ދަތިކަމުގެ މައްޗަށް އަލިއަޅުވާލާ އައްބާސް ވިދާޅުވީ ހުޅުމާލޭގައި ހަދަމުން އަންނަ ވަގުތީ ކޯޓާ އެކު ހައްލުތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ގާނޫނުތަކުގައި ކަނޑައެޅިފައިވާ މުއްދަތުތަކާ އެއްގޮތަށް މައްސަލަތައް ވީހާވެސް އަވަހަށް ނިމިގެން ދިއުން މުހިންމުކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވީ މުޅި މައްސަލައަށް ހައްލު ހޯދޭނީ ވަށާ ޖެހޭ ދިރާސާއެއްގެ ތެރެއިން އަސްލު މައްސަލަ ދެނެގަނެ، ހުރިހާ ފަރާތްތަކެއް އެއްކޮށް މަސައްކަތް ކޮށްގެން ކަމަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ހުސްވި މަހު އައްޔަން ކުރެއްވުމަށްފަހު އައްބާސް އަންނަނީ ޖީނާއީ އަދުލުގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުމަށް އެކި އިދާރާތަކުގެ ވެރިންނާއި ބައްދަލު ކުރައްވަމުންނެވެ. އެގޮތުން މިހާތަނަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް، އާދަމް ޝާމިލް އާއި ކޮމިޝަނަ އޮފް ޕޮލިސް އަލީ ޝުޖާއުގެ އިތުރުން ބަންޑާރަނައިބު އަހްމަދު އުޝާމް އާ އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.



