ފޯޅަވަހި ރަށްތައް މޯރިޝަސްއާ ހަވާލު ކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން މިއަދު ނިންމައިފިއެވެ.
އިނގިރޭސިވިލާތުން ބުނި ގޮތުގައި ފޯޅަވަހީގެ ރަށްތައް މޯރިޝަސްއާ ހަވާލުކުރަން އެޤައުމުން ނިންމީ، ޒަމާނުއްސުރެ އެޤައުމުން ބޭރުގައި އެހެން ޤައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަނބުރާ ޤައުރަށް ދިޔުމަށް މަގުފަހި ކޮށްދިނުމަށެވެ. ނަމަވެސް އިނގިރޭސިވިލާގެ އެވާހަކާގައި، ޑިއެގޯ ގާސިއާގައި ހަދާފައިވާ އިނގިރޭސިވިލާތާއި-އެމެރިކާގެ މިލިޓަރީ ބޭސް ހުސްކުރުމާ ގުޅޭގޮތުން ވާހަކައެއް ދައްކާފައެއް ނުވެއެވެ.
މިލިޓަރީ ބޭސްއާ ގުޅޭގޮތުން އިނގިރޭސިވިލާތުން ބުނީ، ފޯޅަވަހި މޯރިޝަސްއާ ހަވާލު ކުރުމަށް ނިންމާފައިވާ އެއްބަސްވުމުގައި ޑިއެގޯ ގާސިއާގައި އެމެރިކާއާއެކު ހިންގާ މިލިޓަރީބޭސް ނުހިމެނޭނެ ކަމަށެވެ.
އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރު ޑޭވިޑް ލެމީ ބުނީ މިއަދު މިވެނުނު އެއްބަސްވުމުގެ ސަބަބުން މިލިޓަރީ ބޭސް އިތުރަށް ރައްކާތެރިވެފައިވާ ކަމަށާއި އެއީ ކުރިއަށްއޮތްތަނުގައި ޤައުމުގެ ރައްކާތެރިކަން އިތުރަށް ވަރުގަދަވާނެ ކަމެއް ކަމަށެވެ.
ފޯޅަވެއްސަށް ވެރިވެ، އިނގިރޭސިވިލާތުން ވަނީ 1814 ވަނަ އަހަރުން ފެށިގެން އެ ސަރަހައްދު ކޮންޓްރޯލު ކޮށްފައެވެ. އަދި ފޯޅަވަހީގެ ރަށްތައް މޯރިޝަސްއާ ވަކިކޮށްފައިވަނީ 1965 ވަނަ އަހަރުގައެވެ.
އިނގިރޭސިވިލާތުން ވަނީ 1970 ގެ އަހަރު ތެރޭގައި ސީޝެލްސްއާއި މޯރިޝަސްއަށް ވެރިވެގަނެ އެތަނުގައި އަސްކަރީ މައިދާނެއް ހެދުމަށްޓަކައި 2000އެއްހާ ރައްޔިތުން އެމީހުންގެ ޤައުމުތަކުން ބޭރުކޮށްފައެވެ.
ބައިނަލްއަގުވާމީ ޝަރީއަތުގެ ޖަލްސާގައި 2019 ވަނަ އަހަރު އިނގިރޭސިވިލާތަށް ވަނީ، ފޯޅަވަހީގެ ރަށްތައް ދޫކުރުމަށް އަމުރުކޮށްފައެވެ. އަދި އެތަނުގައި އަސްކަރީ މައިދާނެއް އިނގިރޭސިވިލާތުން ހަދާ، ރައްޔިތުން އެމީހުންގެ ޤައުމުން ބޭރު ކުރުމަކީ އިނގިރޭސިވިލާތުން ކުރި ނުރަނގަޅު އަމަލެއް ކަމުގައި ވެސް ބުނެފައިވެއެވެ.



