ފުވައްމުލައް ސިޓީގެ މަގު ބައްތިތަކާއި އާންމު ސަރަހައްދުތަކުގައި ހުންނަ ބައްތިތައް ’ސްމާޓް ލައިޓިންގ‘ އަށް ބަދަލުކުރުމުގެ ގޮތުން ޓެސްޓު ކުރުމަށް ހިންގާ ޕައިލެޓް ޕްރޮޖެކްޓް ފަށައިފިއެވެ.
ޒަމާނީ ފަންނިއްޔާތާއި ރަށްޓެހި ސިޓީއަކަށް ފުވައްމުލައް ސިޓީ ބަދަލުކުރުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ މިމަޝްރޫއުގެ އެހީގައި، ފުވައްމުލައް ސިޓީގެ މަގު ބައްތިތަކާއި އާންމު ތަންތަނުގައި ހުންނަ ބައްތިތައް ދިއްލުމާއި ނިއްވުން، އޭގެ އަލި ކޮންޓްރޯލް ކުރުމާއި އެއަށް ދިމާވާ މައްސަލަތައް ފަސޭހައިން އެނގިގެންދާނެ ކަމަށް އެކައުންސިލުން ބުނެފައިވެ އެވެ.
އެކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިހާރު ޓެސްޓު ކުރުމުގެ ގޮތުން އެރަށުގެ 2 މަގު ބައްތި އަކާއި ކުޅިވަރު ކުޅޭ 4 ދަނޑުގެ 20 ބައްތިއެއް ބަދަލުކުރެވިފައިވާ ކަމަށެވެ.
މިއީ އާންމު މަގު ބައްތިތަކަށްވުރެން ތިމާވެއްޓާއި ރަށްޓެހި ބައްތިތަކެއް ކަމަށާއި އޭގެ ސަބަބުން ޚަރަދު ކުޑަކުރެވި އަހަރެއްގެ މައްޗަށް 1 މިލިއަނާއި 2 މިލިއަން ރުފިޔާ ދެމެދުގެ އަދަދެއް ހަރަދުން ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެކައުންސިލުން ބުނެފައިވެއެވެ.
މިހާރު ކުރިއަށްދާ ޓެސްޓު މަޝްރޫޢަށްފަހު އަންނަ އަހަރުން ފެށިގެން ބައްތިތަށް ސްމާޓް ލައިޓަށް ބަދަލު ކުރުމުގެ މަސައްކަތް ފެށިގެން ދާއިރު، ކައުންސިލުގެ ޕްލޭނަކީ ދެއަހަރު ތެރޭ ސްމާޓް ލައިޓަށް ބަދަލުކޮށް ނިންމާލުމެވެ.
ކައުންސިލް ބަޖެޓުން ފަށާފައިވާ މިމަސައްކަތަށް ކުރިއަށް އޮތްތަނުގައި ފަންޑުދޭ ފަރާތްތަކުގެ އެހީ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.


