މިއަހަރުގެ ވިންޓަރ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ އެއަރޕޯޓް އޮޕަރޭޝަންސް ޑިވިޜަން އިން މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ.
އެމްއޭސީއެލުން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގެ މަޤްޞަދަކީ ކުރިއަށް އޮތް ފަތުރުވެރިކަމުގެ ސީޒަންގައި އެއަރޕޯޓް އޮޕަރޭޝަންސްއަށް ދިމާވާ ގޮންޖެހުންތައް މަޝްވަރާކޮށް އެ ކަންކަން ހައްލުކުރަން މަސައްކަތްތައް އިންތިޒާމްކުރުމެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި އެމް.އޭ.ސީ.އެލް ގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ލަތީފް އަދި ކުންފުނީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މިބައްދަލުވުމުގެ ބައިވެރިންނާއި މުޚާތަބު ކުރައްވާ ވަހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީ.އީ.އޯ ޝަރީފް ވިދާޅުވީ، ކުންފުނިން ވިންޓަރ ސީޒަނަށް ތައްޔާރުވަމުންދާއިރު އައު ބެގޭޖް ހޭންޑްލިންގ ސިސްޓަމެއްވެސް ތަޢާރަފުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި މި ސިސްޓަމުގެ ސަބަބުން އެއަރޕޯޓުގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވިކޮށް، ފަސިންޖަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ.
ހަމައެއާއިއެކު، އެމް.އޭ.ސީ.އެލްގެ ލަނޑުދަނޑިތަކާއި އެއްގޮތްވާގޮތުގެ މަތިން މުވައްޒަފުންނާއި މެނޭޖްމަންޓް ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދާނެކަން ފާހަގަކޮށް، އިކުއިޕްމަންޓް އަޕްގްރޭޑްކުރުމާއި ޚިދުމަތްތައް ރަނގަޅުކުރުމަށް އިސްކަންދޭނެކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު މަޝްވަރާތައް ކުންފުނީގެ ހިއްސާދާރުންނާއި އެކު ބޭއްވުމަށް ނިންމާފައިވާ ކަމަށާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވެސް ދަނީ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން މިހާރު ވެސް ކާރުބާރޫބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ އިތުރުން މިހާރު ބޭނުންކުރާ ޓަރމިނަލް ސަރަހައްދު ތަނަވަސްކޮށްފައިވާ ކަމަށް ޝަރީފް އިތުރަށް ވިދާޅުވި އެވެ.




