އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާއިން ގަނެފައިވާ ދެ އެޕާޓްމެންޓު ފުލުހުންނާއި ހަވާލު ކުރުމަށް އަންގައިފި އެވެ.
ފުލުހުން މިރޭ މީޑިއާ އާއި ހިއްސާ ކުރި މެސެޖެއްގައި ބުނެފައި ވަނީ އެފްއޭއެމްގެ ޚިޔާނަތުގެ ތުހުމަތު ކުރެވޭ ބައްސާމް އަދީލް ޖަލީލު (ގ. ފަހިވާގެ/ މާލެ) ގެ މިލްކިއްޔާތުގައިވާ ހުޅުމާލެ‘ އަމީން އެވެނިއުގެ 2 އެޕާޓުމެންޓު 6 އޮކްޓޯބަރު 2023 (އަންނަ އާދިއްތަދުވަސް) ގެ ކުރިން ފުލުހުންނާއި ހަވާލު ކުރުމަށް 28 ސެޕްޓެމްބަރު 2024 ވަނަ ދުވަހު ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ދެ އެޕާޓުމެންޓު ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.
ކޮވިޑުގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް އެފްއޭއެމުން، ފީފާ މެދުވެރިކޮށް ނެގި ލޯނު ފައިސާއިން ބައްސާމް ދެ އެޕާޓްމެންޓު ގަތް މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފުލުހުން މިދިޔަ މަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އެމައްސަލަ ފޮނުވައިފައިވާއިރު މިމައްސަލައިގައި ބައްސާމުގެ އިތުރުން އެޕާޓްމަންޓް ވިއްކި އަމީން ކޮންސްޓްރަކްޝަނާއި، އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި، އެ އެސޯސިއޭޝަނުގައި އޭރު މަސައްކަތް ކުރި ހަސަން ވަހީދުގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.



